މީރު އައިލެންޑް ރިސޯޓު އެންޑް ސްޕާ ފަޅުތެރޭގައި އޮތް ޔޮޓެއްގައި އެއްޗެއް ގޮވައި ދެ މީހަކު ވަރަށް ބޮޑަށް ފިހިއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހާދިސާ ހިނގާފައިވަނީ ސާރާ ނަމަކަށް ކިޔާ ޔޮޓެއްގައެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާ ހިނގިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު 12:50 ހާއިރު ކަމަށާއި ފިހިފައިވަނީ ދިވެއްސަކާއި ބިދޭސީއެއް ކަމަށެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާގައި ފިހިފައިވާ ދިވެހި ރައްޔިތަކީ ޅ. ހިންނަވަރު، ތަރިފިޔަޖަހާގޭ އިބްރާހިމް މޫސާއެވެ. އޭނާ އަކީ އެ ސަފާރީގެ ކެޕްޓަނެވެ. ފިހުނު ބިދޭސީ މީހާއަކީ ސަފާރީގައި މެރިން މެކޭނިކެއްގެ ގޮތުގައި މަސައްކަތް ކުރާ ލަކްޝްމަން ކިޔާ ލަންކާ ރައްޔިތެކެވެ.
އެ މީހުންނަށް ފަރުވާދިނުމަށްޓަކައި ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދިއުމަށްފަހު މިހާރު ވަނީ އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ. ފުލުހުން ބުނީ އެމީހުންގެ މޫނާ ބަނޑު ފިހިފައިވާ ކަމަށެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ޔޮޓުގެ އިންޖީނުގެ ޑައިނަމޯއަށް ލޮނުފެން އެޅިފައި ހުރުމުން، އެ ސާފު ކުރުމަށް ކޮންޓެކްޓް ކްލީނަރ އާއި WD40 ޖެހުމަށް ފަހު، އެ ނުހިކެނިސް ޔޮޓުގެ އިންޖީނު ސްޓާޓް ކުރުމުންނެވެ. އިންޖީނު ސްޓާޓް ކުރުމާއިއެކު އަލިފާން ކަނި ބުރައި އިންޖީނުން ބައެއް ގޮވި ނަމަވެސް ޔޮޓުގައި އަލިފާން ނުހިފާ ކަމަށާއި، ފިހިފައިވާނީ އެވަގުތު އިންޖީން ރޫމްގައި ތިބި ދެމީހުން ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން މިހާރު ތަހުޤީޤު ކުރަމުންދާއިރު، ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި ގުޅޭގޮތުން ކަމާއިބެހޭ އެއްވެސް ފަރާތަކުން ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ.