ހުޅުމާލޭގައި މީހެއްގެ މޫނަށް "މޫވް ސްޕްރޭ" ޖެހުމަށްފަހު ގިނައަދަދެއްގެ ފައިސާތަކެއް ފޭރިގެންފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު "ރާއްޖެއެމްވީ" އަށް ވިދާޅުވީ، ހުޅުމާލޭ ފިއުލް ސަޕްލައިއިން އިސްލާމިކް ބޭންކަށް ގިނަ އަދަދެެއްގެ ފައިސާތަކެއް ޖަމާކުރަން ގެންދަނިކޮށް، ދެ މީހަކު އައިސް ފައިސާ ހިފައިގެން ދިޔަ މީހާގެ މޫނަށް 'މޫވް ސްޕްރޭ'ޖަހައި ފައިސާތައް ފޭރިގަތް މައްސަލައެއް ހުށައަޅާފައިވާ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު އިތުރަށް ވިދާޅުވީ، އެހާދިސާ ފުލުހުންނަށް ރިޕޯރޓް ކޮށްފައިވަނީ އާދިއްތަ ދުވަހު މެންދުރު 11:47 ގައި ކަމަށާއި، ފޭރުނު ފައިސާގެ އަދަދާއި ތަފްސީލް އަދި ހާމަކުރެވެން ނެތް ކަމަށެވެ.
އެކަމާގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި އެ މައްސަލަ ތަހުޤީޤު ކުރަމުންދާ ކަމަށް މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.
ވައްކަމާއި ފޭރުމުގެ މައްސަލަތައް އިތުރުވެފައިވާއިރު، މިއަހަރުގެ މިހާތަނަށް ވައްކަމުގެ 184 މައްސަލައަކާއި ފޭރުމުގެ 24 މައްސަލައެއް ފުލުހުންނަށް ހުށައެޅިފައިވާ ކަމަށް ފުލުހުންގެ ރިޕޯރޓުތައް ބުނެއެވެ.