ހުޅުމާލޭގެ އިރުމަތީ ފަރާތުގެ ގޮނޑުދޮށާއި ހޭޅިފަށުގައި ހަޓު ހަދައި، ގޮނޑި އާއި މޭޒު ބަހައްޓައިގެން ވިޔަފާރިކުރާ ފަރާތްތަކަށް އެތަން ހުސްކޮށް، ސާފު ކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދީފައިވާ މުއްދަތު މި ޖަނަވަރީ މަހުގެ ނިޔަލަށް ހަމަވާނެއެވެ.
ނިމިގެންދިޔަ ޑިސެމްބަރުމަހު އެޗްޑީސީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ހުޅުމާލޭގެ އިރުމަތީފަރާތުގެ ގޮނޑުދޮށާއި ހޭލިފަށް ސަރަޙައްދަކީ ހުޅުމާލޭގައި ދިރިއުޅޭ އެންމެހާ އާންމު ފަރުދުންނާއި ހުޅުމާލެއަށް ޒިޔާރަތްކުރާ ފަރާތްތަކުން ބޭނުންކުރުމަށް ކަނޑައަޅާފައިވާ އާންމު ސަރަޙައްދެއް ކަމަށެވެ. އަދި އެ ސަރަޙައްދަކީ އެޗްޑީސީން ހުޅުމާލޭގައި ދިރިއުޅޭ އެންމެހާ އާންމު ފަރުދުންނާއި ހުޅުމާލެއަށް ޒިޔާރަތްކުރާ ފަރާތްތަކުން ބޭނުންކުރުމަށް ވަކި ގޮތަކަށް ތަރައްޤީ ކުރުމަށް ކަނޑައަޅާފައިވާ ސައްޙައްދެއް ކަމަށްވެސް އެ އިއުލާނުގައި ވެއެވެ.
އެ ސަރައްޙައްދުގައި ހައްދާފައިވާ ގަސްތައް ކޮށައި، ހަޓު ހަދައި، ގޮނޑި އާއި މޭޒު ބަހައްޓައިގެން ވިޔަފާރި އުސޫލުން އެ ސަރަޙައްދުތައް ބޭނުން ކުރުމަކީ އެޗްޑީސީން ހުއްދަކުރާ ކަމެއް ނޫންކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ. އަދި ހުޅުމާލޭގެ އިރުމަތީ ފަރާތުގެ ގޮނޑުދޮށާއި ހޭލިފަށުގައި އެއްވެސް އިމާރާތެއް ހަދައި، ނުވަތަ އެ ސަރަޙައްދު ވިޔަފާރި އުސޫލުން ބޭނުން ކުރުމުގެ ހުއްދަ އެއްވެސް ފަރާތަކަށް ދީފައިވެސް ނުވާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.
އެހެންކަމުން ވިޔަފާރި ބޭނުމަށް އެ ސަރަޙައްދު ބޭނުންކުރަމުންދާ ފަރާތްތަކުން މި ޖަނަވަރީ މަހުގެ ނިޔަލަށް އެތަން ހުސްކުރުމަށާއި، އެ ސަރަޙައްދުގައި ޤަވާއިދާއި ޚިލާފަށް ކުރަމުންދާ އިމާރާތްކުރުމުގެ މަސައްކަތްވެސް ހުއްޓާލުމަށާއި، މިހާތަނަށް ކޯށްފައިވާ އެފަދަ އިމާރާތްތައް ނެގުމަށް އެޗްޑީސީން ވަނީ އަންގާފައެވެ.
އެޗްޑީސީން ބުނީ މި މަހުގެ ނިޔަލަށް އެ ސަރަޙައްދު ހުސް ނުކޮށްފިނަމަ، އެތަން ހުސްކުރުމުގެ މަސައްކަތް އެޗްޑީސީން ކުރާނެ ކަމަށާއި، އަދި އެގޮތަށް އެތަންތަން ހުސްކުރާއިރު އެތަނުގައި ހުންނަ އެއްވެސް މުދަލަކަށް ލިބޭ ގެއްލުމުގެ ޒިންމާވެސް ނުނަގާނެ ކަމަށެވެ. އަދި ޤަވާއިދާއި ޚިލާފަށް އެތަން އިތުރަށް ބޭނުންކުރާނަމަ ކަމާއިބެހޭ ފަރާތްތަކަށް ހުށަހަޅައިގެން ޤަވާއިދާއި ޚިލާފުވާ ފަރާތްތަކާއިމެދު ފިޔަވަޅުވެސް އަޅާނެ ކަމަށެވެ.
ހުޅުމާލޭގެ އިރުމަތީ ފަރާތުގެ ގޮނޑުދޮށާއި ހޭޅިފަށުގައި ކެފޭ އާއި އެހެން ވިޔަފާރި ހިންގާ މައްސަލަ ބޮޑުވެ، އެތަންތަން އެގޮތަށް ނުހިންގޭނެ ކަމަށް ކަމާއިބެހޭ ހުރިހާ ފަރާތްތަކުން ބުނަމުންދާއިރު، އެތަންތަން ހިންގާ ބައެއް ފަރާތްތަކުން ވަނީ އެތަން އެފަރާތްތަކަށް ބޭނުން ނުކުރެވޭނަމަ އެތައް ގުނައެއް ބޮޑު އަޑު އަގުގައި ބީޗްފްރަންޓް ޕްލޮޓްތައް ގަތުމުގެ ބޭނުން ކެނޑޭ ކަމަށް ބުނެފައެވެ.