އއ. ތޮއްޑޫގައި ފުރަތަމަ ފަހަރަށް މޫނު ބުރުގާ އެޅި މީހަކަށް ވަޒީފާ ހަމަޖައްސައިދީފިއެވެ.
މޫނުބުރުގާ އެޅި މީހަކަށް އެ ސްކޫލުން ވަޒީފާ ދީފައިވާ އިރު ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި މޫނުބުރާގާ އަޅާތީ އެތައް މީހަކު ވަޒީފާއިން ވަކިކޮށްފައި ވެއެވެ. މޫނުބުރުގާ އެޅި މީހުންނަށް ވަޒީފާ އަދާކުރުމުގެ ފުރުސަތު ދިނުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ތޮއްޑޫ ސްކޫލުގެ އިސް މުއައްޒަފަކު ބުނީ ކިޔަވައިދިނުމަށް ގާބިލް މުއައްޒަފުން ބަލަނީ އަޅާ ހެދުމުން ނޫން ކަމަށާއި، އެންމެންނަށް ވެސް ހަމަހަމަ ފުރުސަތު ލިބެންޖެހޭ ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި ސަރުކާރުގެ މި ސިޔާސަތާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ޓީޗަރަކީ ޑިޕްލޮމަރ ފުރިހަމަކޮށް، މިއަހަރު އަލަށް ތޮއްޑޫ ސުކޫލުގެ ވަޒީފާއަށް ނުކުންނަ ފަރާތެކެވެ.
ތޮއްޑޫ ސްކޫލަށް މޫނުބުރުގާ އެޅި މީހަކަށް ވަޒީފާ ހަމަޖެހިގެން ދިއުމާ އެކު އެތައް ބައެއްގެ ތައުރީފު މިހާރު ދަނީ ލިބެމުންނެވެ.
މިހާރު ތޮއްޑޫ ސްކޫލުގައި 7 ބޭރު ޓީޗަރުން، 43 ދިވެހި ޓީޗަރުން ވަޒީފާގައި އެބަތިއްބެވެ. ނަމަވެސް އެ ސްކޫލަށް އަދިވެސް ޓީޗަރުން ހަމަނުވާ ކަމަށް އެސްކޫލުން މައުލޫމާތުދެއެވެ. ޕްރީސްކޫލު ބަޔާ އެކު މިހާރު 431 ދަރިވަރުންދަނީ ތައުލީމު ހާސިލް ކުރަމުންނެވެ. މީގެ ކުރިން ޕްރިންސްކޫލު ހިންގީ ތޮއްޑޫ ސްކޫލާއި ވަކިން ކައުންސިލްގެ ބެލުމުގެ ދަށުންނެވެ.