ކޮރަޕްޝަނާއި ހިޔާނާތުގެ ކުށް ސާބިތުވެ، 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަނބުރާ ޖަލަށް ގެންގޮސްފިއެވެ.
އެސްއޯ ފުލުހުންގެ އެހީތެރިކަމާ އެކު، ކަރެކްޝަނުން އޭނާ ޖަލަށް ބަދަލު ކުރީ ހޮނިހިރު ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ. އައިޖީއެމްއެޗް ސަރަހައްދުގައި ބޭއްވި ނޫސްވެރިންނަށް ދިން ހާއްސަ އިންޓަވިއުއެއްގައި އަދީބުގެ ޕާޓީ އެމްޓީޑީގެ ނައިބު ރައީސް ޔާމިން ރަޝީދު ވިދާޅުވީ އަދީބު މި ފަހަރު ވެސް ޖަލަށް ބަދަލުކޮށްފައި ވަނީ އިންސާނިއްޔަތާ ހިލާފަށް ޑޮކްޓަރުންގެ ނިންމުންތަކަށް ނުފޫޒު ފޯރުވައިގެން ކަމަށެވެ. އޭނާ ވަނީ އަދީބަށް އަނިޔާކުރުން ހުއްޓުމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އަށް ގޮވާލައްވާފައެވެ.
އަދީބު ޖަލަށް ގެންގޮސްފައިވާއިރު އޭނާ ވަނީ ފަރުވާއަށް 36 ދުވަސް ވަންދެން ގޭ ބަންދުގައި ބަހައްޓާފައެވެ. އަދީބުގެ ސިއްހީ ހާލަތު ގޯސްވެގެން އޭނާ އެޑްމިޓްކޮށްގެން އައިޖީއެމްއެޗުގައި ފަރުވާ ދޭން ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ. ކިޑްނީގައި ހިލަ އުފެދުމާ ގުޅިގެން އޮޕަރޭޝަން ކުރުމަށް ފަހު، އޭނާ ގޭ ބަންދަށް ބަދަލު ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ. އޭގެ ފަހުން މި މަހުގެ 2 ވަނަ ދުވަހު އަދީބު ވަނީ އަނބުރާ ޖަލަށް ގެންގޮސްފައެވެ. އެ ފަހަރު ޖަލަށް ގެންދިއުމުން ވެސް އާއިލާގެ ފަރާތުން ބުނެފައި ވަނީ އަދީބު ގެންދިޔައީ ޑޮކްޓަރުގެ ލަފަޔާ ހިލާފަށް ކަމަށެވެ. އެކަމަށް ބާރު ލިބޭ ގޮތަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން ވެސް ބަޔާން ނެރުނެވެ.
އަދީބު ޖަލަށް ބަދަލުކުރި ޑޮކްޓަރުގެ ލަފަޔާ ހިލާފަށް ކަމަށް ބުނެ އެޗްއާރުސީއެމް އިން ބަޔާން ނެރުމުން ހޯމް މިނިސްޓްރީން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް ރައްދުގައި ބަޔާނެއް ނެރެފައެވެ. އަދި ކަރެކްޝަނުން ވެސް ބަޔާނެއް ނެރެފައިވާ އިރު އެ ބަޔާނުގައި ބުނެފައި ވަނީއަދީބް ގޭބަންދަށް ބަދަލުކުރި "ގޭ ބަންދުކުރާ ގައިދީ އާއި ގައިދީއާ ހަވާލުވާ ފަރާތުގެ އިޤްރާރު"އާ ޚިލާފަށް އަމަލުކޮށްފައި ވާތީ ކަމަށެވެ. އަދި އަނބުރާ އަދީބު ޖަލަށް ގެންގޮސް ބަހައްޓާފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެ ނޫން ވެސް ބައެއް ސިޔާސީ ބޭފުޅުން ބަންދުކޮށްފައި ބެހެއްޓި ފެންވަރު ރަނގަޅު ތަނެއްގައެވެ.
މި މަހުގެ 2 ވަނަ ދުވަހު އަދީބު އަނބުރާ ޖަލަށް ގެންދިޔަ ނަމަވެސް 5 ވަނަ ދުވަހު ހާލު ދެރަވެގެން އަދީބު އައިޖީއެމްއެޗްގައި އެޑްމިޓްކުރިއެވެ.