މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހާޒިރުވާން އަންގައިފިއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ސުއޫދު ވިދާޅުވީ، ޖޭއެސްސީއަށް އާދީއްތަ ދުވަހު މެންދުރު 2 ޖަހާއިރަށް ހާޒިރުވާން އަންގާފައިވާ ކަމަށާއި، ހާޒިރުކުރަނީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ދެއްކި ވާހަކައަކާ ގުޅިގެން ކަމަށެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސުއޫދު ޖޭއެސްސީއަށް ހާޒުކުރަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 30 ވަނަ ދުވަހު ރައީސް އޮފީސްގައި ބޭއްވި ޕްރެސް ނޫސްވެރިންގެ ބައްދަލުވުމެއްގައި ފަނޑިޔާރުންނާއި، ގޭންގުތަކާ ގުޅުން އޮންނަ ކަމަށް ވިދާޅުވި ވާހަކަތަކާ ގުޅިގެންނެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމުގައި ސުއޫދު ވިދާޅުވީ ކްރިމިނަލް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމަށް ބައެއް ގޭންގުތަކަށް ކޯޓާއެއް ލިބިފައިވާ ކަމަށެވެ. ގޭންގުތަކުގެ ނުފޫޒު ފަނޑިޔާރުންގެ މައްޗަށް އެބަ އޮތް ކަމަށާއި އެކަމުގައި ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ ބައިވެރިވުން ވެސް އޮތް ކަމަށް ސުއޫދު ވިދާޅުވެފައި ވެއެވެ.
ފަނޑިޔާރުންގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ބާރު ލިބިފައިވާ ޖޭއެސްސީން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ފިޔަވައި އެހެން ފަނޑިޔާރުން އައްޔަން ކުރުމާއި ޝަކުވާތައް ބެލުމާއި ފިޔަވަޅު އެޅުމާއި ފަނޑިޔާރުން ވަކިކުރުމަށް ހުށަހަޅަންޖެހޭ ފަރާތްތަކަށް ފޮނުވުމަކީ އެ ކޮމިޝަންގެ މަސްއޫލިއްޔަތެއް ކަމަށާއި، ނަމަވެސް ޖޭއެސްސީއަށް އެ މައުލޫމާތެއް ހުށަހެޅުމެއް ނެތި، ފަނޑިޔާރުންނާމެދު ނުރަނގަޅު ތަސައްވުރެއް އުފެދޭ ގޮތަށް ސުއޫދު ވާހަކަފުޅު ދެއްކެވުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ދާދި ފަހުން ބަޔާނެއްގައި ބުނެފައެވެ.
އެގޮތުން ޖޭއެސްސީން ވަނީ ސުއޫދުގެ މައްސަލަ ބެލުމަށް ކޮމެޓީއެއްވެސް އެކުލަވާލާފައެވެ. އެ ކޮމިޓީގެ ޗެއާކުރެއްވުމަށް ހަމަޖައްސާފައިވަނީ ބަންޑާރަނައިބު އިބްރާހިމް ރިފްއަތެވެ.