ޕާސްޕޯޓް ހެއްދުމަށް އެދޭ ފޯމް އަންނަ ހަފުތާއިން ފެށިގެން އީމެއިލުން ބަލައިގަތުމަށް ނިންމާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލަރ މުހައްމަދު އަހްމަދު ހުސައިން ވިދާޅުވެއްޖެ އެވެ.
އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމަށް މުހައްމަދު އަހުމަދު ހުސައިން، ޑިސެމްބަރު 23، 2018 ގައި އައްޔަން ކުރި ފަހުން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވިދާޅުވީ ދިވެހިރައްޔިތުންނަށް ފަސޭހަކުރުމަށްޓަކައި އިމިގްރޭޝަންގެ ޚިދުމަތްތައް އޮންލައިންކޮށް ލިބޭނެ ގޮތް ތައާރަފުކުރާނެ ކަމަށެވެ. އެގޮތުން މި އަހަރު ނިމުމުގެ ކުރިން ޕާސްޕޯޓް ހެއްދުމަށް އޮންލައިންކޮށް ހުށަހެޅޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެބަޖެހޭ އިމިގްރޭޝަންގެ އުއްމީދުތައް ރައްޔިތުންގެ އުއްމީދުތަކާ ހަމައަށް ގެންނަން. އެގޮތުން އަޅުގަނޑުމެން ވިސްނާލާފައި މިހާރުން މިހާރަށް އަޅުގަނޑުމެންނަށް ލިބުނު ހައްލެއްކަމަށް ފެނުނީ އީމެއިލުގެ ޒަރީއާއިން ކޮންމެ ރަށެއްގައި ހުރެގެންވެސް ޕާސްޕޯޓަށް އެޕްލައި ކުރެވޭނެ ފުރުސަތު ދިވެހި ހުރިހާ ރައްޔިތުންނަށް ހުޅުވާލުން،"މުހައްމަދު އަހްމަދު ހުސައިން ވިދާޅުވިއެވެ.
ޕާސްޕޯޓުގެ ޚިދުމަތަށް ގެންނަން ނިންމާފައިވާ އަނެއް ފަސޭހައަކީ މުހައްމަދު އަހްމަދު ހުސައިން ވިދާޅުވި ގޮތުގައި ދެ އަހަރު ތެރޭގައި ރާއްޖޭގެ ކޮންމެ އަތޮޅު ކައުންސިލް އިދާރާއަކުން ވެސް، ޕާސްޕޯޓް ފޯމު ބަލައިގަނެ، ޕާސްޕޯޓް ސިސްޓަމަށް އެންޓަރ ކުރެވޭނެ ނިޒާމެއް ހަމަޖެއްސުމެވެ. އޭގެ ސަބަބުން ޕާސްޕޯޓްގެ ޚިދުމަތް ހަލުވި ވެގެންދާނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
ބިޒްނަސް ވިސާ ހޯދުމަށް ވެސް ފަސޭހަތަކެއް ހަމަޖެއްސުމަށް ނިންމާފައިވާއިރު، ބިޒްނަސް ވިސާއަށް އެދޭތާ 48 ގަޑިއިރުގެ ތެރޭގައި ވިސާ ލިބޭނެ ކަމަށް ކޮންޓްރޯލަރ ވިދާޅުވި އެވެ. އަންނަ ހަފުތާއިން ފެށިގެން އައްޑޫ ސިޓީން ވެސް ބިޒްނަސް ވިސާ ދޫކުރަން ފަށާނެ އެވެ. މިއީ މާލެ ފިޔަވައި އެހެން ތަނަކުން ބިޒަނަސް ވިސާ ދޫކުރަން ފަށާ ފުރަތަމަ ފަހަރެވެ.
އުސޫލާ ހިލާފަށް ކޯޓާ ދޫކުރާ ކަމަށާއި އެ ކަމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހްމަތުކުރާއިރު، ދޫކުރާ ކޯޓާގެ ތަފާސް ހިސާބު އިމިގްރޭޝަންގެ ވެބްސައިޓްގައި، މިމަހުގެ 24 އިން ފެށިގެން ޝާއިޢުކުރަން ފެށުމަށް ވަނީ ނިންމައިފަ އެވެ. އެކަމުގެ ސަބަބުން ސަބަބުން ނާޖާއިޒް ގޮތުގައި ކޯޓާ ދޫކުރުމަށް އޮތް މަގު ބަންދުވެ، ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ އަދަދު މަދުވެގެންދާނެ ކަމަށް މުހައްމަދު އަހްމަދު ހުސައިން ވިދާޅުވި އެވެ.
މިހާރު ވޯކް ވިސާގައި 144،607 ބިދޭސީން ގެނެސްފައިވާ ކަމަށާއި އޭގެ ތެރެއިން 63،000 ބިދޭސީން ގަވައިދާ ހިލާފަށް އުޅެމުންދާކަން ލަފާ ކުރެވޭ ކަމަށް މުހައްމަދު އަހްމަދު ހުސައިން ވިދާޅުވި އެވެ.
ވޭތުވެދިޔަ ސަރުކާރުން ކަންތައްތައް އުސޫލުން ބޭރުންކޮށްފައި ވުމުން އިމިގްރޭޝަންގެ ނަން ކިލަނބުވެފައިވާތީ، އެކަން ހައްލު ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި އެކަންތައްތަކަށް ރައްޔިތުންގެ އެއްބާރުލުން ބޭނުންވެލައްވާކަމަށް މުހައްމަދު އަހުމަދު އެދިވަޑައިގެންނެވިއެވެ.
އޭނާ ވިދާޅުވީ ކުރީ ސަރުކާރުން ކަންތައްތައް ކުރެވިފައިވަނީ އެކަށީގެންވާ އުސޫލުގެ ތެރެއިން ނޫންކަމަށާއި ރައްޔިތުންގެ ކުރިމަތީގައި އިމިގްރޭޝަން ވެފައިވަނީ ގޯސްކޮށް ދެކޭތަނަކަށް ވެފައި ކަމަށެވެ. އެހެންކަމުން އިމިގްރޭޝަނަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ގޮށްތައް ފިލުވުމަށް ގިނަ މަސައްކަތްތަކެއް ކުރަން ފަށާފައިވާ ކަމަށް މުހައްމަދު އަހުމަދު ވިދާޅުވިއެވެ.
"މިދިޔަ ސަރުކާރުގައި ކަންކަން ކުރެވިފައި ހުރީ އެންމެ އެކަށީގެންވާ އުސޫލުގެ ތެރެއިންނެއް ނޫން، އުސޫލެއް އޮތް ކަމުގައިވިޔަސް އުސޫލަށް ބެލުމެއް ނެތި މިކަންކަން ވަނީ ހިނގާފަ، އިމިރގްރޭޝަން ވަނީ ރައްޔިތުންގެ ކުރިމަތީގައި ވަރަށް އެހެން ކަހަލަ ނަޒަރިއްޔާތަކުން ދެކޭ ތަނަކަށް ވެފައި.އެއީ ހަގީގަތް" ހަނަފީ ވިދާޅުވި އެވެ.
އިމިގްރޭޝަނަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ގޮށްތައް ފިލުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ހަނަފީ ވިދާޅުވި އެވެ. އެމަސައްކަތްތަކަށް ފިޔަވަޅެއް އެޅެން އޮތީ ހަނަފީ ވިދާޅުވިގޮތުގައި އިމިގްރޭޝަންގެ ގާނޫނު އިސްލާހު ކޮށްގެންނެވެ.އެހެންކަމުން އެކަންތައްތައް ކުރުމަށްޓަކައި އެމަސައްކަތް ފަށާފައިވާކަމަށް ވިދާޅުވިއެވެ.