މާލޭގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްއަކަށް ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފުގެ އަނބިކަނބަލުން އަޒުހާ ޒަމީރު އިންތިޚާބުކޮށްފި އެވެ.
ފަނަރަ މެމްބަރުންގެ އަންހެނުންގެ ކޮމިޓީގެ ނައިބު ރައީސަކަށް އިންތިޚާބުކޮށްފައިވަނީ ޒުލައިޚާ އަލީ އެވެ.
![](https://dyncz33htw1ec.cloudfront.net/posts/1547700661.jpg)
އަންހެނުން ކޮމިޓީގެ ރައީސާއި ނައިބު ރައީސް އިންތިޚާބު ކުރީ، އެ ކޮމިޓީގެ މެމްބަރުން ސޮއިކުރެއްވުމަށް ބުދަ ދުވަހުގެ ރޭ ރަސްރަނި ބަގީޗާގައި ބޭއްވި ރަސްމިއްޔާތަށް ފަހު، އެތަނުގައި ބޭއްވި އަންހެނުންގެ ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގަ އެވެ.
އަންހެނުންގެ ކޮމިޓީގެ ރައީސް އަޒުހާ ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ބެޗްލަރ ޑިގްރީ އަދި މާސްޓާޒް ހައްދަވާފަ އެވެ. އޭގެ އިތުރުން އިނގިރޭސި ވިލާތުން މާސްޓާސް އިން ޖެންޑަރ އެންޑް އިންޓަނޭޝަނަލް ރިލޭޝަންސްއިން ވެސް އޭނާ ވަނީ މާސްޓާޒް ހައްދަވާފައިވެ އެވެ.
އަޒުހާ، 2014 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރުގެ ނިޔަލަށް އެޑިއުކޭޝަން މިނިސްޓްރީގައި ވަނީ ވަޒީފާ އަދާކުރައްވާފަ އެވެ. އެ މިނިސްޓްރީގައި އޭނާ އެންމެ ފަހުން ހުންނެވީ އެސިސްޓެންޓް ޑިރެކްޓަރުގައި މަގާމުގަ އެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައިވާ ގޮތުން ކޮންމެ ރަށެއް ކައުންސިލް ބެލުމުގެ ދަށުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއެއް އުފައްދަންޖެހެ އެވެ. އެ ކޮމިޓީގެ މަސްއޫލިއްޔަތުގެ ތެރޭގައި ރަށް ނުވަތަ ސިޓީގެ ތަރައްގީގެ ކަންކަމުގަ އާއި ކައުންސިލުން ދެމުންދާ ރަށްވެހިކަމުގެ ހިދުމަތްތަކާއި ބެހޭގޮތުން ރަށު ކައުންސިލަށް ނުވަތަ ސިޓީ ކައުންސިލަށް ލަފާދިނުމާއި ކޮމިޓީގެ ނަމުގައި މުދާ މިލްކުކުރުމާއި ކޮމިޓީގެ ނަމުގައި އެކިއެކި ވިޔަފާރި މުއާމަލާތުކުރުމާއި ކޮމިޓީގެ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމާއި އާމްދަނީ ހޯދުމަށާއި އަންހެނުންގެ ތަރައްގީއަށްޓަކައި އެކިއެކި ހަރަކާތްތައް ހިންގުމާއި އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތް ކުރުމާއި އަންހެނުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރުމާއި ސިޔާސީ ކަންކަމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް މަސައްކަތް ކުރުމާއި މަތީ ތައުލީމު ހާސިލުކުރާ އަންހެނުންގެ އަދަދު އިތުރުކުރުމަށް މަސައްކަތްކުރުކުރުމާއި އަންހެނުންގެ ސިއްހީ ހާލަތު ރަނގަޅުކުރުމަށް މަސައްކަތް ކުރުން އަދި ކޮމިޓީގެ މާލިއްޔަތުގައިވާ މުދަލާއި ފައިސާ ބެލެހެއްޓުން ހިމެނެ އެވެ.
![](https://dyncz33htw1ec.cloudfront.net/posts/1547700657.jpg)