ރާއްޖޭގައި ގަވާއިދާ ޚިލާފަށް މަސައްކަތްކުރާ ބިދޭސީންގެ އަދަދު 63،000 އަށް އަރާކަމަށް އިމިގްރޭޝަން ކޮންޓްޜޯލާ މުހައްމަދު އަހުމަދު (ހަނަފީ) ވިދާޅުވެއްޖެ އެވެ.
ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުހައްމަދު އަހުމަދު ވިދާޅުވީ ރާއްޖޭގައި މިހާތަނަށް 1،44,607 މީހުން މަސައްކަތް ކުރަމުންދާއިރު އޭގެތެރެއިން 63،000 މީހުންނަކީ ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ކަމަށެވެ. އަދި ގަވާއިދާ ހިލަފަށް އުޅޭ ބިދޭސީ ހޯދުމަށް "ސްޓިންގް ރޭ" ނަމުގައި އެއް އަހަރު ދުވަހުގެ އޮޕަރޭޝަނެއް މިހާރު ވެސް ފަށާފައިވާ ކަމަށެވެ.
ނަމަވެސް، ގަވާއިދާ ހިލާފަށް އުޅޭ މީހުން ހިފައި ހައްޔަރުކޮށް ޖަލަށްލުމަކީ މިކަމުގައި އޮތް އެންމެ ފުރިހަމަ ހައްލަށް ނުވާނެ ކަމަށާއި، ގަވައިދާ ހިލާފަށް ބިދޭސީން ގެންގުޅުން ހުއްޓާލަން އެންމެން ވެސް މަސައްކަތް ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. މި މައްސަލަ ހައްލު ކުރެވޭނީ ރައްޔިތުންގެ އެއްބާރުލުން ލިބިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖެއިން ޑީޕޯޓް ކުރެވިފައިވާ ބިދޭސީންގެ ތަފާސްހިސާބަށް ބަލާއިރު، މިދިޔަ އަހަރު ޖިނާއީ ކުށްތަކުގައި ތުހުމަތު ކުރެވިގެން 112 މީހުން ޑީޕޯޓްކޮށްފައިވާ ކަމާއި ސިއްހީ މައްސަލަތަކުގައި 513 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފައިވާ ކަމަށް މުހައްމަދު އަހްމަދު ވިދާޅުވިއެވެ. އެއީ މިދިޔަ އަހަރާއި އަޅާ ބަލާއިރު 80 ބިދޭސީންގެ އިތުރު ވުމެކެވެ.
މިދިޔަ އަހަރު ވަޒީފާ ގެއްލިގެން ފިލާފައިވާ ބިދޭސީންގެ އަދަދު 2734 މީހުންނަށް އަރާއިރު އެއީ އެވަރެޖްކޮށް 221 ބިދޭސީންނެވެ.
އިމިގްރޭޝަންގައި ވެސް ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަ ކުރައްވައި މުހައްމަދު އަހްމަދު ވިދާޅުވީ ކޯޓާ ދޫކުރެވިފައިވާ އުސޫލުން ބޭރުން ކުދި ކެފޭފަދަ ތަންތަނަށް 100 ކޯޓާ ދޫކުރެވިފައި ކަމަށާއި، ގެސްޓްހައުސް ތަކަށް 80 ކޯޓާ ދޫކޮށްފައިވާ ކަމަށެވެ. އަދި ބައެއް ޕްރޮޖެކްޓްސް ތަކަށް އުސޫލުން ބޭރުން އެއްތަނަކަށް 3،700 ކޯޓާ ދޫކޮށްފައިވާ ކަމަށެވެ. އަދި އެކޯޓާތައް މިހާރު ކެންސަލް ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
އިމިގްރޭޝަންގެ ކަންކަން ރަނގަޅުކުރުމަށްޓަކައި މަސައްކަތްކުރައްވާ ކަމަށާއި އެގޮތުން ރައްޔިތުންގެ ޝަކުވާ ބަލައިގަތުމަށް ޚާއްސަ އީމެއިލެއް މިއަދުން ފެށިގެން ތައާރަފުކުރާނެ ކަމަށް މުހައްމަދު ވިދާޅުވި އެވެ.