ރާއްޖޭގައި ތިބެގެން ފުރަތަމަ ޑިގްރީއަށް ކިޔަވަން ބޭނުން މީހުންނަށް ސަރުކާރުގެ ހަރަދުގައި އެކަން ކުރުމަށް 100 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ބަޖެޓް ކޮމެޓީން ފާސްކޮށްފިއެވެ.
އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައި ހިލޭ ޑިގްރީއަށް ކިޔެވުމަށް ބަޖެޓްކޮށްފައި ވަނީ 50 މިލިއަން ރުފިޔާއެވެ. ނަމަވެސް ބަޖެޓް ކޮމެޓީން ފާސްކޮށްފައި ވަނީ އެ އަދަދު 100 މިލިއަން ރުފިޔާއަށް ބޮޑު ކުރުމަށެވެ.
ހިލޭ ޑިގްރީއަށް ބަޖެޓްކޮށްފައިވާ ފައިސާ ބޮޑު ކުރުމަށް ފާސްކުރީ ބުރާސްފަތި ދުވަހު ބަޖެޓް ކޮމެޓީއަށް ހާޒިރުވެވަޑައިގެން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ. އެގޮތަށް ފާސްކުރުމަށް އިދިކޮޅު ޕީޕީއެމްގެ ފަސް މެމްބަރަކާއި އެމްޑީއޭގެ ދެ މެމްބަރަކު ވެސް ވޯޓު ދެއްވިއެވެ.
ހިލޭ ޑިގްރީއަށް ކިޔެވުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީންނެވެ.
ބަޖެޓް ކޮމެޓީން ވަނީ ފޮރިންގ މިނިސްޓްރީގެ ބޭރުގެ މިޝަންތަކަށް ކަނޑައަޅާފައިވާ ބަޖެޓަށް 25 މިލިއަން ރުފިޔާ އިތުރު ކުރުމާއި ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް ދެ މިލިއަން ރުފިޔާ އިތުރު ކުރުމަށާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ ބަޖެޓަށް 37 މިލިއަން އިތުރު ކުރުމަށް ވެސް ފާސްކޮށްފައެވެ.
ބަޖެޓް ކޮމެޓީން ބަޖެޓަށް ގެނެސްފައިވާ އިތުރު ބަދަލުތަކާއެކު އަންނަ އަހަރުގެ ބަޖެޓް 30 ބިލިއަން ރުފިޔާއަށް ބޮޑުވެގެންދާނެ ކަމަށް ބައެއް މެމްބަރުން އަންދާޒާ ކުރެއެވެ. އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައި ވަނީ 29.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.