ޕީޕީއެމްގެ ކައުންސިލް މެމްބަރު އަހުމަދު ސިއްދީގަށް ހަމަލާ ދިންކަމަށް ބުނެ ހައްޔަރުކުރި އެމްޑީޕީގެ އެކްޓިވިސްޓް އަލީ ހާޝިމް (ސްމިތު) ފުލުހުންގެ ބަންދުން ދޫކޮށްލީ ތަހުގީގަށް ސާފުކުރުމަށް ބޭނުންވި ކަންތައްތައް ސާފުކުރުމަށް ފަހު ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ސްމިތު ފުލުހުންގެ ބަންދުން ދޫކޮށްލުމާއި ގުޅޭގޮތުން ހަގީގަތް އޮޅޭ ގޮތަށް މީޑިއާތަކުން މައުލޫމާތު ފަތުރަމުން ގެންދާ ކަމަށެވެ.
ފުލުހުން ބުނީ ސްމިތު ދޫކޮށްލީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު މައްސަލައާއި ގުޅިގެން ތަހުގީގަށް ސާފުކުރުމަށް ބޭނުންވި ކަންތައްތައް ސާފުކުރުމަށްފަހު، އޭނާ އިތުރަށް ފުލުހުންގު ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތުމުން ކަމަށެވެ. އެހެންކަމުން މިމަހުގެ ބުރާސްފަތި ދުވަހު ހަވީރު 5:47 ހާއިރު ފުލުހުންގެ ބަންދުން ސްމިތު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ސްމިތު މިނިވަންކޮށްފައި ވަނީ މިމަހުގެ 21 ވަނަ ދުވަހު އޭނާ ހައްޔަރުކުރުމަށްފަހު، ކްރިމިނަލް ކޯޓުން އޭނާގެ ބަންދަށް 7 ދުވަސް ޖަހާފައިވަނިކޮށެވެ.
ސްމިތު ހައްޔަރުކުރުމާއި ގުޅިގެން އެމްޑީޕީއަށް ސަޕޯޓު ކުރާ ގިނަ ބަޔަކު ވަނީ އޭނާ ދޫކޮށްލަން ގޮވާލާފައެވެ. މީގެ ތެރޭގައި ބައެއް ވަޒީރުންނާއި، ރައްޔިތުންގެ މަޖިލިސްގެ މެންބަރުން ހިމެނެއެވެ.
މީގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ސްމިތު މިނިވަން ކުރުމަށް ގޮވާލައްވާފައެވެ. ސްމިތު ހައްޔަރުކުރުމާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ ސިއްދީގުގެ ބަހުގެ ހަމަލާތަކާއި އަނގަ ހުތުރު ކަމަކީ މުޅި ޓްވިޓަރގައިވެސް މަޝްހޫރުކަމެއް ކަމެއް ކަމަށާއި، ފުލުހުން އެބާވަތުގެ ކަންކަން ކުރަންވާނީ ދެކޮޅު ބަލާފައިކަމަށެވެ.
ސިއްދީގަށް ހަމަލާ ދިންކަމަށް ބުނާ މައްސަލައިގައި ސްމިތު ހައްޔަރު ކުރުމުން ސިއްދީގު ބުނީ އޭނާ އަށް ހަމަލާދިނީ ކްރިމިނަލް ކޯޓު ކުރިމަތިން ކަމަށާއި، އަދިވެސް ހަމަލާދޭނެ ކަމުގެ އިންޒާފު ދީފައިވާ ކަމަށެވެ. ސިއްދީގަކީ ރައީސް ޔާމީންގެ ސަރުކާރުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެކެވެ. ރައީސް ނަޝީދުގެ ވެރިކަމުގެ ދުވަސްވަރު ހިނގި މުޒާހަރާތަކުގައި މަގުމަތިން ފުލުހުންނާއި ދިމާއަށް ސިއްދީޤު ހަޑިހުތުުރު ބަހުން މުއާމަލާތްކޮށް، ނޫސްވެރިންނަށް ޖެއްސުންކުރާ މަންޒަރު ގިނައިން ފެނިފައިވެއެވެ.