ކޯލިޝަންގެ ވަރުގަދަ ޕާޓްނަރެއްގެ ގޮތުގައި ދެމިއޮތުމަށް ބޭނުންވާ ކަމަށާއި އަދި އެކަމަށް ދެވެންއޮތް ހުރިހާ އެއްބާރުލުމެއް ދޭނެކަމަށް އަދާލަތުން ބުނެފިއެވެ.
ރާއްޖެ.އެމްވީއަށް މައުލޫމާތު ދެއްވަމުން އަދާލަތު ޕާޓީގެ މެމްބަރޝިޕް ކޯޑިނޭޓަރ އާދަމް މުހައްމަދު ވިދާޅުވީ ކޯލިޝަން އާއި އެކު މަސައްކަތް ކުރަން ލިބުނު ފުރުސަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފައި، ކޯލިޝަންގެ އިތުރުން އަދާލަތު ޕާޓީވެސް ވަރުގަދަ ކުރުމުގެ މަސައްކަތް ކުރިޔަށް އެބަގެންދާ ކަމަށެވެ.
"އަދާލަތު ޕާޓީ ހިންގުމުގައި މިހިސާބަށް އައި އިރު ވަރަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެ ޕާޓީ ވަރަށް ހީނަރުވެފައިވޭ. ޕާޓީ ވަރުގަދަކޮށް ކޯލިޝަންގެ ޕާޓްނަރެއް ގޮތުގައި ނިކުތިމަށްޓަކައި މިދަނީ މަސައްކަތްތަކެއް ކުރަމުން،" އޭނާ ވިދާޅުވިއެވެ.
އެގޮތުން އަދާލަތު ޕާޓީއަށް މެމްބަރުން އިތުރު ކުރުމަށް ''ކެރިގެން އަދާލަތު" ގެ ނަމުގައި ކެމްޕޭނެއް ފަށައިގެން ބާރު ސްޕީޑެއްގައި ކުރިޔަށްދާ ކަމަށް އާދަމް ވަނީ ވިދާޅުވެފައި އެވެ. އަދާލަތު ޕާޓީގެ ބޭނުމަކީ ވީހާވެސް އަވަހަށް އެޕާޓީއަށް 10،000 މެމްބަރުން އިތުރުކުރުން ކަމަށް އޭނާ ވަނީ ވިދާޅުވެފައި އެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ އަދާލަތު ފާޓީގެ ގޮފިތައް ހުންނަ ރަށްރަށުން އެ ގޮފިތަކުގެ ހިންގުންތެރިން މެދުވެރިކޮށް ޕާޓީގެ ފޯމްތައް ބަލައިގަންނަމުން ދާނެ ކަމަށެވެ. އަދި މާލެއިން ފޯމް ހުށަހަޅަން އުނދަގޫވާ ބޭފުޅުންނަށް އެމީހަކު ހުރި ހިސާބަށް ގޮސް ފޯމް ފުރުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ.
ޕާޓީއަށް ގުޅެން ބޭނުންވާ ފަރާތްތަކުގެ ފޯމް ހެދުނު 8:00 އިން ރޭގަނޑު 11:00 އާ ހަމައަށް އަދާލަތު ޕާޓީގެ އޮފީހުން ބަލައިގަންނަމުން ދާނެ ކަމަށް އާދަމް ވިދާޅުވިއެވެ. މި މަހު 28 ވަނަ ދުވަހުގެ ކުރިން ހުރިހާ ފޯމްތަކެއް އަދާލަތު ޕާޓީގެ އޮފީހަށް ހަވާލުކުރުމަށް އޭނާ ވަނީ ވިދާޅުވެފައިއެވެ. އަދާލަތު ޕާޓީގެ ޒުވާނުންގެ މަޖިލީސްގެ މެމްބަރު ތޫބާ ރަޝީދު ވިދާޅުވީ ރާއްޖޭގެ ގިނަ ރަށްރަށުގައި އަދާލަތު ޕާޓީގެ މެމްބަރުން އެބަތިބި ކަމަށާއި އެ ބޭފުޅުންނަށް ދަތިވާ ކަންތައް ތަކުގައި އަދާލަތު ޕާޓީއަށް ގުޅުއްވައިގެން ކުރިއަށް ގެންދެވޭ އިންތިޒާމްވެސް ހަމަޖެހިފައިވާ ކަމަށެވެ.
"ވަރަށް ގިނަރަށް ރަށުން އެބަތިބި ޝޭހް (އިމްރާން) ވަޑައިގަންނަވަންދެން. 100 ފޯމް އިން 150 ފޯމް އިން ވަރަށް ބައިވަރު ފޯމް ހަމަކޮށްގެން އަޅުގަނޑުމެންގެ ޕާޓީ ގޮފިތަކުން. އަޅުގަނޑުމެން ދަންނަވާލާނީ ވީހާވެސް އަވަހަކަށް ފޯމްތައް މާލެއަށް ފޮނުއްވާދެށޭ"
އަދި އަދާލަތު ޕާޓީގެ ރައީސް، މިނިސްޓަރ އޮފް ހޯމް އެފެއާޒް ޝޭހް އިމްރާން އަބްދުﷲ އަކީ ރާއްޖޭގެ އިސްލާހީ މަސައްކަތައް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށް ތޫބާ ވިދާޅުވިއެވެ.
މެމްބަރުން އިތުރު ކުރުމުގެ ހަރަކާތެއް އަދާލަތުން ކުރިޔަށް ގެންދާއިރު އެ ޕާޓީއަކީ ސަރުކާރު ހިމެނޭ ކޯލިޝަން ގައި ހިމެނޭ އެއް ޕާޓި އެވެ. އަދާލަތުގެ އިތުރުން ކޯލިޝަން ގައި ހިމެނޭ ޖުމްހޫރީ ޕާޓީ އިން ވެސް ދަނީ މެމްބަރުން އިތުރުކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ.