ދައުލަތުގެ މީޑިއާ ކުންފުނި، ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް)ގެ ދަށުން ހިންގާ ޓީވީއެމްގެ ވީޑިއޯތަކެއް ނައްތާލި މައްސަލައިގައި މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް، ޔުމްނާ މައުމޫން ކަންބޮޑުވުން ފާޅުކުރައްވައި، އެ މައްސަލަ ފުރިހަމައަށް ތަހުގީގު ކުރުމަށް ދިވެހި ފުލުހުންނަށް ގޮވާލައްވައިފިއެވެ.
ޓީވީއެމްގެ ނިއުސްރޫމްގައި ހުރި ވީޑިއޯތަކެއް ޑިލީޓްކުރި މައްސަލަ ފެންމަތިވެފައިވަނީ ހޯމަ ދުވަހުއެވެ. މި މައްސަލަ ފެންމަތިވުމާއި ގުޅިގެން ހޯމަ ދުވަހުގެ ހެނދުނުން ފެށިގެން މެންދުރާއި ހަމައަށް ފުލުހުންގެ ތަހުގީގީ ޓީމެއް ވަނީ ޓީވީއެމް ހިންގާ އިމާރާތުގައި ހަރަކާތްތެރި ވެފައެވެ.
މި މައްސަލަ އާއި ގުޅިގެން މިނިސްޓަރ ޔުމްނާ ކުރެއްވި ދެ ޓްވީޓެގައި ވިދާޅުވީ، ޓީވީއެމްގެ ނިއުސްރޫމްގެ ކޮމްޕިއުޓަރުތަކުގައި ހުއްޓައި ނައްތާލާފައިވާ މި ވީޑިއޯތަކަކީ ޤާނޫނީ ގޮތުން ރައްކާތެރި ކުރަންޖެހޭ ތަކެތި ކަމަށެވެ. އަދި ދިވެހި ފުލުހުން މި މައްސަލަ ރަނގަޅަށް ތަހުގީގު ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
Miee gaanoony gothun rakkaatheri kuran jehey thakethi. Mi massala @PoliceMv in rangalhah thahugeegu kuravvaane kamah ummeedhu kuran @ArchivesMv 1/2 https://t.co/rhmbqWdVZy
— Yumna Maumoon (@yumna_maumoon) November 19, 2018
މިނިސްޓަރގެ ދެވަނަ ޓްވީޓްގައި އެކަމަނާ ވަނީ ދިވެހިރާއްޖޭގެ ގައުމީ އަރުޝީފުގެ ޤާނޫނާއި ހަވާލާދެއްވައި، މިފަދަ ތަކެތި ނައްތާލެވެންވާނީ، ޤާނޫނުގައި ވާގޮތަށް، ޤައުމީ އަރުޝީފުގެ ޑިރެކްޓަރ ޖެނެރަލްގެ ހުއްދަ ލިބިގެންކަން ފާހަގަކުރައްވާފައެވެ.
Mi fadha audio / video naththaleven vaany Gaumy Arusheef @ArchivesMv ge Director General ge hudhdha libigen. 2/2 pic.twitter.com/NCHAdO2nQ7
— Yumna Maumoon (@yumna_maumoon) November 19, 2018
ދިވެހިރާއްޖޭގެ ގައުމީ އަރުޝީފުގެ ޤާނޫނުގެ 27 ވަނަ މާއްދާގައި ވަނީ، ދައުލަތުގެ އޮފީހަކުން އެއްވެސް ލިޔެކިޔުމެއް ނައްތާލަން ވާނީ ޤައުމީ އަރުޝީފުގެ ޑިރެކްޓަރ ޖެނެރަލަށް އެކަމެއް ހުށަހަޅައި، އެ ޤާނޫނުގެ ދަށުން ހަދާފައިވާ ޤަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޑިލީޓް ކުރި ވީޑިއޯތަކުގައި ގިނައީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އިންތިޚާބުވެ ވަޑައިގެންނެވި ފަހުން ނަގާފައިވާ ވީޑިއޯ ތަކެކެވެ.
ޓީވީއެމްގައި މަސައްކަތް ކުރާ އިސް ބޭފުޅަކު ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ޑިލީޓްކޮށް، ނައްތާލާފައިވަނީ ކޮށްފައި ވަނީ ނިއުސްރޫމްގެ ސިސްޓަމްތަކަކަށް އަޅާފައިވާ ވީޑިއޯތަކެއް ކަމަށާއި ޑިލީޓްކޮށްފައި ހުރިކަން ނިއުސްރޫމްގެ އިސްވެރިން ޓީވީއެމްގެ އިސް ވެރިންނަށް އަންގާފައި ނުވާ ކަމަށެވެ. އަދި އެ ވީޑީއޯތައް ޑިލީޓް ކޮށްފައިވާކަން އެނގުނީ ޚަބަރަށް ބޭނުންވާ ވީޑިއޯތަކެއް ނުފެނިގެން އުޅުމުގެ ތެރޭގައި ކަމަށާއި، މި މައްސަލަ ފުލުހުންނަށް ހުށަހެޅީ ތަނުގެ މުވައްޒަފެއް ކަމަށް ބެލެވޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޓީވީއެމްގެ ނިއުސްރޫމުގައި ހަރުކޮށްފައިވާ ސީސީޓީވީ ކެމެރާތަކެއް ވަނީ ރިޔާސީ އިންތިޚާބުގެ ކުޑަ ދުވަސްކޮޅެއް ކުރިން ކަނޑާލާފައެވެ. އަދި އެގޮތަށް ކަންކޮށްފައި ވަނީ ސިޔާސީ ބޭފުޅުންތަކެއް ނިއުސްރޫމަށް ވަދެހަދާކަމުގެ އަޑުތަކެއް ފެތުރިފައި ވަނިކޮށެވެ.
ޓީވީއެމްގެ ނިއުސްރޫމްގައި އިސްވެރިންގެ ގޮތުގައި ތިއްބަވަނީ ނިއުސް ޑައިރެކްޓަރ ފަޔާޒް ޔޫސުފާއި ޑެޕިއުޓީ ނިއުސް ޑައިރެކްޓަރ ހަސަން ޒިޔާއުއެވެ. މި ދެބޭފުޅުންގެ ތެރެއިން ފަޔާޒް ޔޫސުފް އެ މަޤާމަށް އައްޔަން ކޮށްފައިވަނީ ތަނުގެ ބައެއް އިސް ވެރިން މަޤާމުގެ ނާޖާއިޒު ނުފޫޒު ބެނުންކޮށްގެން ކަމަށް ބުނާ މައްސަލައެއް ދާދި ފަހުން ވަނީ ފެންމަތިވެފައެވެ.