ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ދިވެހިރާއްޖެއިން ގުޅުން ކަނޑާލާފައިވާ ކޮމަންވެލްތާ އަލުން ގުޅުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ކެބިނެޓުން ނިންމަވައިފިއެވެ.
ކެބިނެޓުން މި ގޮތަށް ނިންމެވީ ހޯމަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގައެވެ.
ކޮމަންވެލްތާ އަލުން ގުޅުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރެއްވުމަށް ނިންމަވާފައިވާ ކަމަކަށްވާއިރު އެކަން ކުރުމަށް ކެބިނެޓުން ނިންމަވާފައި މިވަނީ އެމަނިކުފާނު ހުވާ ކުރެއްވިތާ ދެވަނަ ދުވަހުއެވެ.
ކޮމަންވެލްތްގެ މެމްބަރެއްގެ ގޮތުގައި 34 އަހަރު ވަންދެން އޮތުމަށް ފަހު އެ ޖަމިއްޔާ އިން ދިވެހިރާއްޖެ ވަކިވީ، 2016 ވަ އަހަރުގެ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖަލީހުގެ ޖަލްސާގައި ފާސްކޮށްގެންނެވެ. ރައީސް ޔާމިންގެ ސަރުކާރުގެ ފަރާތުން އެ ބިލް ހުށައެޅީ ރާއްޖޭގެ ދާހިލީ ކަންކަމަށް ނުފޫޒު ފޯރުވަން އުޅޭ ކަމުގެ ތުހުމަތުކޮށްފައެވެ.
އޭރުގެ އިދިކޮޅު ފަރާތްތަކުން ވަނީ ސަރުކާރުގެ އެ ނިންމުމަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އެގޮތުން ކޮމަންވެލްތުން ވަކިވާން ނިންމީ، ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވި ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގުރޫޕް (ސީމެގް) ގެ އެޖެންޑާގައި ރާއްޖެ ހިމަނައި، އިސްލާހު ނުވެއްޖެ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދިނުމުން ކަމަށް ވަނީ ތުހުމަތު ކޮށްފައެވެ.
ކޮމަންވެލްތަކީ ޒަމާނުންސުރެ ރާއްޖެއަށް އެތައް ދާއިރާއެއްގައި އެހީތެރި ވަމުން ދިޔަ ޖަމްއިއްޔާއެކެވެ. ހާއްސަކޮށް ތިމާވެށީގެ ދާއިރާއަށާއި ތައުލީމީ ދާއިރާއަށް ވަނީ ފާހަގަ ކޮށްލެވޭ ވަރުގެ އެހީތެރިކަމެށް ފޯރުކޮށް ދީފައެވެ.