ރާއްޖެޓީވީއަކީ ގިނަ ގޮންޖެހުންތަކާ އެކު ވެސް އެންމެ ނަމޫނާ ދައްކަމުންދާ އެއް މީޑިޔާ ކަމަށް އިންތިހާބީ ނާއިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީއަށް ބުރާސްފަތި ދުވަހު ކުރެއްވި ޒިޔާރަތުގައި ފައިސަލް ވިދާޅުވީ ރާއްޖެޓީވީއަށް ކުރިމަތިވި ގޮންޖެހުންތައް މުޅި ދުނިޔޭގެ އެހެން އެއްވެސް މީޑިއާއަކުން ތަހައްމަލު ކުރަން ޖެހިފައިވާ ކަމަށް ޤަބޫލުނުކުރައްވާ ކަމަށާއި އެހެން ނަމަވެސް މިހުރިހާ ޖޮންޖެހުމަކާ އެކުވެސް އެންމެ ނަމޫނާ ދައްކަމުންދާ އެއް ސްޓޭޝަނަކީ ރާއްޖެޓީވީ ކަމަށެވެ.
އެގޮތުން ރާއްޖެޓީވީ އަންދާލުމާއި، ތަފާތު އެކި ފަހަރުމަތިން ބޮޑެތި ޖޫރިމަނާކުރުމުގެ އިތުރުން މުވައްޒަފުންނަށް ދެމުންދިޔަ އިންޒާރާއި ކުރި ދައުވާތަކަކީ ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކަމަށް ވިދާޅުވަމުން އެ ޖޫރިމަނާކުރި ފައިސާ އަލުން ލިބިއްޖެ ނަމަ އަނެއްކާވެސް ރައްޔިތުންނަށް ހަދިޔާކުރަން ނިންމުމަކީ ނަމޫނާއެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ފައިސަލް ވިދާޅުވިއެވެ.
މީގެ އިތުރުން ރައްޔިތުންގެ ސަރުކާރެއް ގެނައުމަށް ކުރި ބުރަ މަސައްކަތުގައި ރާއްޖެޓީވީގެ ޒިންމާ ވަރަށް ބޮޑު ކަމަށް ވިދާޅުވެ، އައު ސަރުކާރާއި އެކު މީޑިޔާގެ ޒިންމާ އިތުރުވެގެންދާނެ ކަމަށާއި އެގޮތުގައި ހުރިހާ މުވައްޒަފުން މަސައްކަތްކޮއްދެއްވުމަށް ފައިސަލް ވިދާޅުވިއެވެ.