އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙް ހުވައިކުރައްވާ ދުވަސް ކައިރިވަމުން އަންނައިރު، ބޭރުގެ އެކިއެކި ފަރާތްތަކުން އަދިވެސް އެމަނިކުފާނާއި އަދި ވެރިކަން ބަދަލުވުމުގެ މަރުޙަލާގެ އިސް ބޭފުޅުންނާއި ބައްދަލުކުރައްވަމުން އެބަ ގެންދަވައެވެ.
އެގޮތުން އަވަށްޓެރި އިންޑިއާގެ ޚާރިޖީ ވުޒާރާގެ އިންޑިއާ ކަނޑުގެ ސަރަޙައްދާއި ބެހޭ ޖޮއިންޓް ސެކްރެޓަރީ ސަންޖޭ ޕާންޑޭ ވަނީ ބުރާސްފަތި ދުވަހު ޓްރާންސިޝަންއާއި ގުޅޭ ކަންކަމުގައި ސިޔާސީ ގޮތުން ރައީސް ސޯލިޙްގެ ފަރާތްޕުޅުން ހުންނަވާ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދާއި، ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން އަހުމަދު ލަތީފާއި ބައްދަލުކުރައްވާފައެވެ. ސްޓެލްކޯގެ މައި އޮފީސް ހުންނަ އިމާރާތުގައި ޤާއިމްކޮށްފައިވާ ޓްރާންސިޝަން އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާވެސް ބައިވެރިވެވަޑައިގަތެވެ.
އިންޑިއާ ސަރުކާރުގެ އިތުރުން މިސަރަހައްދުގެ އެހެން ޤައުމުތަކާއި އަދި އެކުވެރި ބައެއް ޤައުމުތަކުގެ ސަފީރުންނާއި މަންދޫބުން ގެންދަވަނީ މާލެ ވަޑައިގެން ރައީސް ސޯލިޙާއި، ޓްރާންސިޝަންގައި އިސްކޮށް މަސައްކަތްކުރައްވާ ބޭފުޅުންނާއި ބައްދަލުކުރައްވަމުންނެވެ.
އަނެއްކޮޅުން ފޮރިން މިިނިސްޓްރީއިން މިހާރު ދަނީ ނޮވެމްބަރު 11 ވަނަ ދުވަހު އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙް ހުވައިކުރެއްވުމަށް ބާއްވާ ރަސްމިއްޔާތަށް ބޭރުގެ އިއްޒަތްތެރިންނާއި ޤައުމުތަކުގެ ވެރިންނަށް ދައުވަތު ފޮނުއްވަމުންނެވެ. އިބްރާހިމް މުހައްމަދު ސޯލިޙް ވެރިކަމުގެ ހުވައި ކުރެއްވުމުގެ އިންތިޒާމްތައް ޓްރާންސިޝަން އޮފީހާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުން ކުރިއަށް ގެންދާއިރު، އެމަނިކުފާނު ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގައި ސަރަހައްދީ ގިނަ ޤައުމުތަކެއްގެ އެންމެ އިސް ވެރިން ބައިވެރިވެވަޑައިގަންނަވާނެކަމަށް ގުޅިފައިވާ ޕާޓީތަކުން ވަނީ ބުނެފައެވެ.