މާލެއާއި ހުޅުލެއާއި ދެމެދު އަޅާފައިވާ 'ސިނަމާލެ ބުރިޖް'ގެ މަޝްރޫޢު ކުރިއަށް ގެންދިޔައިރު ހެދި ވަގުތީ ޕްލެޓްފޯމްގެ ޕައިލްތައް ނެގުމުގެ މަސައްކަތް ކުރުމަށްޓަކައި މާލެއިން ހުޅުލެއަށް ދަތުރުކުރާ ބައެއް ލޭންތައް ހޯމަ ދުވަހުން ފެށިގެން ބަންދުކުރަން ނިންމައިފިއެވެ.
ބުރާސްފަތި ދުވަހު ހައުސިންގ މިނިސްޓްރީއިން ކޮށްފައިވާ އިއުލާނެއްގައި ވަނީ ހޯމަ ދުވަހުން ފެށިގެން މަސައްކަތް ނިމެންދެން މާލެއިން ހުޅުލެއަށްދާ ބައެއް ލޭންތައް، ބައެއް ވަގުތުތަކުގައި ބަންދުކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި ލޭންތައް ބަންދު ކުރުމަށް ހަމަޖެހިފައިވާ ގޮތާއި ގުޅޭގޮތުންނާއި، ލޭން ބަންދުކުރާ ވަގުތުތަކުގައި ޓްރެފިކަށް ގެންނަ ބަދަލުތަކާއި ގުޅޭގޮތުން ޓްރެފިކް ޕޮލިހުން ޢާއްމުންނަށް މައުލޫމާތު ފޯރުކޮށްދެމުން ދާނެކަމަށް ހައުސިންގ މިނިސްޓްރީއިން ކޮށްފައިވާ އިއުލާނުގައި ވެއެވެ. އަދި ލޭން ބަންދުކުރާ ވަގުތުތަކުގައި، ޓްރެފިކް ޕޮލިސްގެ އިރުޝާދުގެ ދަށުން، ބުރިޖުގައި ދަތުރުކުރާ ފަރާތްތަކުން ބުރިޖްގެ އެހެން ލޭންތައް ބޭނުންކުރުމަށް އެދޭކަމަށް ހައުސިންގ މިނިސްޓްރީއިން ވަނީ ބުނެފައެވެ.
ޕްލެޓްފޯމްގެ ޕައިލްތައް ނެގުމަށް ބުރިޖްގެ ބައެއް ލޭންތައް ބަންދުކުރަން ޖެހޭކަމަށް ބުރިޖުގެ މަސައްކަތްކުރި ޗައިނާ ކޮމިއުނިކޭޝަން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ)ގެ ފަރާތުން މީޑިއާތަކަށް މައުލޫމާތު ދީފައިވެއެވެ. ޕްލެޓްފޯމްގެ ޕައިލްތަކަކަކީ ވަރަށް ބޮޑެތި، އަދި އުނދަގުލުން ނަގަން ޖެހޭ ހޮޅިތަކެއްކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ބުރިޖް އެޅުމަށް ތައްޔާރުކުރި ޕްލެޓްފޯމްގެ ދަގަނޑު ހޮޅިތައް ނެގުމުގެ މަސައްކަތް ކުރަމުންދާއިރު، އެސަރަހައްދު މޫދުގެ އަޑީގައި ހުރި ގިނަ އަދަދެއްގެ ދަގަނޑު ހޮޅިތަކާއި އަދި އެހެނިހެން ސާމާނުތަކެއްވެސް އަދި އެބަހުއްޓެވެ. އެތަކެތިވެސް ނަގާނެކަމަށް ސީސީސީސީ ކުންފުނިން ވަނީ ބުނެފައެވެ. އަދި އެކަމަށް ޚާއްސަ ޕްލޭނެއް އެބައޮތްކަމަށްވެސް އެކުންފުނިން ވަނީ ބުނެފައެވެ.