މަޖިލީހުގެ ރައީސަކަށް މާމިގިލީ ދާއިރާގެ މެމްބަރު ގާސިމްގެ އިބްރާހިމްގެ ނަންފުޅު ހުށަހަޅަން ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުން ނިންމާފައިވުމުން، އެމަގާމަށް އެ މަނިކުފާނު ހޮވިވަޑައިގަންނަވާނެ ކަމާމެދު ޝައްކެއް ވެސް ނެތް ކަމަށް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މ. ކުނޫޒުގައި ބޭއްވި ޖޮއިންޓް ޕާޓީ ޕާލަމެންޓްރީ ގްރޫޕުގެ ބައްދަލުވުމަށްފަހު، މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ގާސިމް ވިދާޅުވީ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދާނީ ޑިމޮކްރަޓިކް ހަމަތަކުގެ މަތިން ކަމަށެވެ. ރާއްޖޭގެ ރައްޔިތުން އުފާވާ ދަރަޖައަށް އިންސާފުވެރިކަމާއެކު މަޖިލީހުގެ ކަންކަން ކުރިއަށް ގެންދަވާނެ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.
"މާތްﷲގެ ވާގިފުޅާއެކީގައި އެކަން ވާނެ ކަމަށް އަޅުގަނޑުމެންގެ އިންތިހާބީ ރައީސް ވެސް އެ ވިދާޅުވީ. ޕާލަމެންޓްރީ ގްރޫޕުން ވެސް އެ ނިންމެވީ. އެހެންވީމަ އެއްވެސް ޝައްކެއް ނެތް އެކަން ވެގެންދާނެ. ހަމައެއާ އެކީގައި މާތްﷲގެ އަމްރާއި އިރާދަފުޅުން އަޅުގަނޑުމެން އެ މަސައްކަތް ކުރަމުން ގެންދާނީ ޑިމޮކްރަޓިކް ހަމަތަކާއި އިންތަކާއި މިންތަކުގެ ތެރެއިން. ރާއްޖޭގެ ރައްޔިތުން އުފާވާ ދަރަޖައަށް އެކަންތައްތައް އަޅުގަނޑުމެން އިންސާފުވެރިކަމާއެކު ގެންދާނެ ކަމުގެ ޔަގީންކަން އަޅުގަނޑު އަރުވަން،" ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހިމް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް މީގެ ކުރިން ވެސް ގާސިމް ކުރިމަތިލެއްވިއެވެ. އެގޮތުން 2014 ވަނަ އަހަރުގެ މެއި މަހުގެ 28 ވަނަ ދުވަހު މަޖިލީހުގައި ނެގި ސިއްރު ވޯޓުން ގާސިމް ނާކާމިޔާބުވެވަޑައިގެންނެވީ ހަތަރު ވޯޓުގެ ތަފާތުންނެވެ. މަޖިލީހުގެ ރައީސް ކަމަށް ގާސިމު ހޮއްވެވުމަށް ވޯޓު ދެއްވީ 39 މެމްބަރުންނެވެ. މަސީހު އެ މަގާމަށް ހޮވިވަޑައިގެންނެވީ 43 ވޯޓުންނެވެ.