ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ހުންނެވީ ކޮންމެ ހަފްތާއަކު މަޖިލީހުގެ ތިން ޖަލްސާ ބާއްވަން ކަމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ޕާޓީތަކުގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުންނާ އެކު ކުނޫޒުގައި ބޭއްވި ބައްދަލުވުން ނިންމަވާ ލެއްވުމަށް ފަހު ވަޑައިގެންނެވި ވަގުތު "ރާއްޖެއެމްވީ" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ސޯލިހު ވިދާޅުވީ މަޖިލީހުގެ މަސައްކަތްތަކާ ގުޅޭ ގޮތުން މަޖިލީހުގެ ނާއިބު ރައީސާ ވާހަކަ ދައްކަވަމުން ގެންދަވާ ކަމަށެވެ. އެމަނިކުފާނު ހުންނެވީ މަޖިލީހަށް ކަންތައްތައް ހުށަހެޅޭ މިންވަރަކުން ކޮންމެ ހަފްތާއަކު ތިން ޖަލްސާ ބާއްވަން ތައްޔާރަށް ކަމަށް ސޯލިހު ވިދާޅުވިއެވެ.
"އަޅުގަނޑުމެން މަޝްވަރާ ކުރަމުން މިދަނީ މަޖިލީހުގެ ނާއިބު ރައީސާ. ނާއިބު ރައީސް ހުންނެވީ މަޖިލީހުގެ ޖަލްސާތައް ގަވާއިދާ އެއްގޮތަށް ކޮންމެ ހަފްތާއަކު އެޖެންޑާގައި ކަންތައްތައް ހުރިވަރުން ހަފްތާއަކު ތިން ޖަލްސާ ބާއްވައި ކުރި އަށް ގެންދަން. އަޅުގަނޑުމެން އުންމީދު ކުރަނީ މަޖިލީހުގެ ގަވާއިދަށް ކުރިން ގެނެވިފައި ހުރި އަންޑިމޮކްރަޓިކް ކަންތައްތައް ނަައްތާލައި، ޑިމޮކްރަސީގެ ހަމަތަކުން މަޖިލިސް ކުރިއަށް ގެންދަން. މަޖިލީހުގެ ނާއިބު ރައީސް ހުންނެވީ އެކަމުގައި ކުރި އަށް ވަޑައިގަންނަވަން،" އިންތިހާބީ ރައީސް ސޯލިހު ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ވަކި ކުރަން ނިންމާފައި ވިޔަސް، ރީކޯ މޫސާ މަނިކު އެ މަގާމުން ވަކިކުރަން ގުޅިފައިވާ ޕާޓީތަކުން ނިންމާފަ އެއް ނުވެއެވެ. އޭނާ ގެންދަވަނީ ވެރިކަން ބަދަލު ކުރުމުގެ މަރުހަލާގެ ކަންތައްތަކާ ގުޅޭ ގޮތުން ވެސް ގުޅިފައިވާ ޕާޓީތަކުގެ އިސް ބޭފުޅުންނާ ބައްދަލު ކުރައްވަމުންނެވެ. އަދި ނޮވެމްބަރު 11ގައި ރައީސް ސޯލިހަށް ހުވާ ކުރެވެން ޖެހޭނެ ކަމަށް މޫސަ ވަނީ ވިދާޅުވެފައެވެ.
ވޭތުވެދިޔަ މުއްދަތުގައި މަޖިލިސް ބޭނުންކޮށްފައި ވަނީ ސަރުކާރުން ބޭނުންވާ ކަންތައްތައް މަޖިލީހުން ފާސްކޮށްލުމަށް އެކަންޏެވެ. އެގޮތުން މަޖިލީހުގެ ޖަލްސާތައް ނުބާއްވާތާ 84 ދުވަސް ވަނީ ވެފައެވެ. އެންމެ ފަހުން މަޖިލީހުގެ ޖަލްސާ އެއް ބާއްވާފައި ވަނީ މިއަހަރުގެ އޮގަސްޓް މަހުގެ އެއް ވަނަ ދުވަހުއެވެ.