މަސީހު މަގާމުން ދުރުކުރުމަށް ފަހު މަޖިލީހުގެ ރައީސް ކަމަށް، މާމިގިލީ ދާއިރާގެ މެމްބަރު، އަދި ޖުމްހޫރީ ޕާޓީގެ ބާނީ ޤާސިމް އިބްރާހިމްގެ ނަން، ޕާޓީތަކުން ފާސްކޮށްފި އެވެ.
ގުޅިފައިވާ ޕާޓީތަކުގެ ޕާލިމެންޓްރީ ގްރޫޕުން ޤާސިމްގެ ނަން ފާސްކުރީ، ބުދަ ދުވަހުގެ ހަވީރުގައި ބޭއްވި ބައްދަލުވުމުގައެވެ. އޭނާގެ ނަން ފާސްކުރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާޤުންނެވެ.
މަޖިލީހުގެ ރައީސްކަމަށް ޤާސިމް އިބްރާހިމްގެ ނަން ފާސްކުރުމުގެ އިތުރުން، އަބުރުގެ ޤާނޫނު ބާތިލްކުރުމުގެ މަސައްކަތާއި، އެންޓި ޑިފެކްޝަން ޤާނޫނު ބާތިލްކުރުމުގެ މަސައްކަތް ފެށުމަށްވެސް ޕާޓީތަކުން ވަނީ ފާސްކޮށްފަ އެވެ. އެގޮތުން އަބުރުގެ ޤާނޫނު ބާތިލްކުރުމަށް މާދަމާ ހުށައެޅުމަށް ފާސްކޮށްފައިވެއެވެ.
ބުދަ ދުވަހުގެ ހަވީރުގައި ގުޅިފައިވާ ޕަޓީތަކުން ބޭއްވި ޕާލިމެންޓްރީ ގުރޫޕްގެ ބައްދަލުވުމުގައި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، އިންތިހާބީ ނައިބް ރައީސް ފައިސަލް ނަސީމް ބައިވެރިވެވަޑައިެގންފައިވެއެވެ.