ހުޅުމާލެއިން ގޯތި ދޫކުރުމާ ގުޅޭ މައްސަލައިގައި އިތުރަށް ގޮތެއް ނިންމާނީ އެޗްޑީސީން އެކަމުގައި އަމަލުކުރާ ގޮތެއް ބެލުމަށް ފަހުގައި ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) އިން ބުނެފިއެވެ.
އޭސީސީން ބުނީ ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މުވައްޒަފުން ދެ ޕެޓިޝަނެއް ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން ހުޅުމާލެއިން ގޯތި ގަތުމަށް ހުޅުވާލުމާ ގުޅިގެން އެކަމުން ކުންފުންޏަށް އިޔާދަނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ލިބިދާނެ ކަމަށް ހާމަކޮށް ފޮނުވި ޕެޓިޝަނެއްގެ އިތުރުން އެޗްޑީސީން ޕީޕީއެމްގެ ކެމްޕެއިން ހަރަކާތްތަކުގެ ކަންކަން ކޮށްފައިވާ ކަމަށް ބުނެ މުވައްޒަފުން އޭސީސީއަށް ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ.
މިމަހުގެ ހަތް ވަނަ ދުވަހު ހައުސިންގ މިނިސްޓްރީން ހުޅުމާލޭގެ ދެވަނަ ދިޔަވަހިން 400 ގޯތި ވިއްކުމަށް ހުޅުވާލާފައިވަނީ އެޗްޑީސީގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ކަމަށް ބުނެއެވެ. އެހެން ނަމަވެސް ގޯތި ވިއްކަނީ އާންމުގޮތެއްގައި މާކެޓްގައި ހުޅުމާލޭގެ ގޯތި ވިއްކާ އަގަށްވުރެ ކުޑަ އަގެއްގައެވެ. ގޯތި ދޫކުރުން އެންމެ ފުރަތަމަ ހައުސިންގ މިނިސްޓްރީން ހުޅުވާލި ނަމަވެސް އެކަން ފަހުން ވަނީ އެޗްޑީސީއާ ހަވާލު ކޮށްފައެވެ. އެޗްޑީސީއާ ހަވާލުކުރުމުގެ ކުރިން ގިނަ ބަޔަކު ވަނީ އެތައް ގަޑިއިރަކު ކިއުގައި ޖެހިގެން ހައުސިންގ މިނިސްޓްރީއަށް ގޯއްޗަށް އެދޭ ފޯމު ހުށަހަޅާފައެވެ.
މިކަމާ ގުޅިގެން އެޗްޑީސީގެ 170 މުވައްޒަފުން ސޮއި ކޮށްފައިވާ ޕެޓިޝަނެއް އޭސީސީ އާއި އޮޑިޓް އޮފީހުގެ އިތުރުން ފިނޭންސް މިނިސްޓްރީއަށް ވެސް ހުށަހެޅިއެވެ. އެޕެޓިޝަންގައި އެކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) އަލީ ޝަރީފް ވެސް ސޮއިކުރައްވާފައިވެއެވެ.
އެޗްޑީސީން 400 ގޯތި ދޫކޮށްފި ކަމުގައިވާ ނަމަ އެކުންފުންޏަށް 1.8 ބިލިއަން ރުފިޔާގެ ގެއްލުން ލިބިގެންދާނެ ކަމަށް ޕެޓިޝަންގައި ހިމަނާފައިވެއެވެ.
މީގެ އިތުރުން އޭސީސީއަށް ހުށަހަޅާފައިވާ ދެވަނަ ޕެޓިޝަނާ ގުޅޭ ގޮތުން އެއިދާރާއިން ބުނީ ޕީޕީއެމްގެ ކެމްޕެއިންގ ހަރަކާތްތަކަށް އޭސީސީން ހަރަދު ކުރިކަމުގެ މައްސަލަތައް ބަލަމުންދާ ކަމަށެވެ.ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވި އެޗްޑީސީގެ އިސް މުވައްޒަފަކު ބުނީ ކެމްޕެއިންގ ހަރަކާތްތަކަށް އެޗްޑީސީގެ ބަޖެޓުން 30 މިލިއަން ރުފިޔާއަށް ވުރެ ގިނަ ފައިސާ ހޭދަކޮށްފައިވާ ކަމަށެވެ. އެގޮތުން ކެމްޕެއިނާ ދިމާކޮށް އެޗްޑީސީއަށް 150 މުވައްޒަފުން ވައްދާފައިވާ ކަމަށާއި އެމީހުންގެ މަސައްކަތުގެ އެއްވެސް މަސްއޫލިއްޔަތެއް ނެތް ކަމަށެވެ.