ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ކައުންސިލަށް މެންބަރަކު ހޮވުން ނޮވެމްބަރު 4 ވަނަ ދުވަހު ބާއްވަން ކަނޑައަޅައިފިއެވެ.
މި ކައުންސިލަށް ހޮވުމަށް ބޭނުން ވަނީ ނަފްސާނީ ބަލިތަކާއި ބެހޭ ސިއްހީ ޚިދުމަތްތަތެރިންނެވެ. އޭގެތެރޭގައި ހިމެނެނީ ނަފްސާނީ ބަލިތަކަށް ފަރުވާދިނުމާއި އެފަދަ ބަލި މީހުންނަށް ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމާއި އެފަދަ ބަލިތަކުން ރައްކާތެރިކުރުމަށް މަސައްކަތް ކުރާ ޑޮކްޓަރުންނާއި، ސައިކޭޓްރިސްޓުންނާއި، ސައިކޮލޮޖިސްޓުންނާއި، ކައުންސެލަރުންނާއި، އެ ފަންނުގެ ސިއްހީ އެހީތެރިންނެވެ
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ ދަށުން ނަފްސާނީ ބަލިތަކާ ބެހޭ ސިއްހީ ހިދުމަތްތެރިންގެ ތެރެއިން އެމީހުން އިންތިހާބު ކުރާ މެންބަރަކު ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ކައުންސިލްގައި ހިމަނަންވާނެ ކަމަށް ބަޔާން ކޮށްފައިވެއެވެ.
އެކައުންސިލަށް ކުރިމަތިލި ފަރާތްތަކުން، މެމްބަރަކު ހޮވުމަށް ވޯޓުލުން 4 ނޮވެމްބަރ 2018 ވާ ބުރާސްފަތި ދުވަހުގެ 10:00 އިން 13:00 ގައި އެ މިނިސްޓްރީގައި އޮންނާނެ ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެއެވެ.
ވޯޓްލާތަނުގަ އާއި ވޯޓުގުނާތަނުގައި ކެނޑިޑޭޓަށް ނުވަތަ ކެނޑިޑޭޓް ކަނޑައަޅާ ފަރާތަކަށް އަދި މީޑިއާތަކަށް އޮބްޒާވްކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. އަދި އޮބްޒާވަރަކު ބަހައްޓަން ބޭނުންވާ ކެނޑިޑޭޓަކު ނުވަތަ މީޑިއާ އިން މިމަހުގެ 30 ވަނަ ދުވަހުގެ ކުރިން އެ މިނިސްޓްރީއަށް ލިޔުމުން އެންގުމަށް ވަނީ އެދިފައެވެ.
ނުކުޅުދެތުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ކައުންސިލަށް ފަސް ފަރާތަކު ވަނީ ހުށަހަޅާފައެވެ. އެގޮތުން ކުރިމަތިލާފައި ވަނީ މ. ފޮނިހެލެބެލިގެ، ޝެހެނާޒް އިސްމާއިލް އާއި ސ. މީދޫ، ތްރީފްލާވަރ އަބްދުﷲ ފަސީހާއި މ. މުލި، ގޮމަށިމާގެ ސަމްހާ ނަސީހާއި މއ. ނޫރަނުގެ، މުހައްމަދު މުސްތަމާ ފާރޫގު އެވެ.
މި ކައުންސިލްގައި ޖުމްލަ ހަތް މެންބަރުން ތިބެއެވެ.