ދިއްދޫގައި އިމާރާތް ކޮށްފައިހުރި ހައުސިންގ ޔުނިޓްތަކެއް ހައުންސިންގ މިނިސްޓްރީ ދޫކުރުމުގައި އަމަލުކޮށްފައި ވަނީ ނުހަނު ބޭއިންސާފުވެރިކޮށް ކަމަށް ބުނެ އެރަށު ކައުންސިލުން ހައުސިންގ މިނިސްޓްރީއާ ދެކޮޅަށް ދައުވާ ކުރުމަށް ނިންމައިފި އެވެ.
ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ދިއްދޫ ކައުންސިލްގެ ރައީސް ޢަލީ ހާޝިމް ވިދާޅުވީ މިގޮތަށް ނިންމާފައިވަނީ އެ ކައުންސިލްގައި ބުދަ ދުވަހު ބޭއްވި ބައްދަލުވުމެއްގައި ކަމަށާއި މިމައްސަލަ ފާސްވެފައި ވަނީ ކައުންސިލްގެ އިއްތިފާގުން ކަމަށެވެ.
ހާޝިމް ވިދާޅުވީ ދިއްދޫގައި އިމާރާތް ކޮށްފައިވާ 250 ހައުސިންގ ޔުނިޓްގެ ތެރެއިން އޭ ކެޓަގަރީ އާއި ބީ ކެޓަގަރީގެ ދަށުން ދޫކުރެވުނު ހައުސިންގ ޔުނިޓްތައް ދޫކުރުމުގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އަމަލު ކޮށްފައިވަނީ ނުހަނު ބޭއިންސާފުން ކަމަށާއި އަދި ދިއްދޫ ކައުންސިލްގެ އެއްވެސް ދައުރެއް އަދާކުރުމަށް ފުރުސަތު ނުދީ ކަމަށެވެ.
އެހެންވުމުން އެކަމުގެ ސަބަބުން އެރަށުގެ އެތައް ރައްޔިތުންނަކަށް ގެއްލުންތަކެއްވެފައި ވާތީ ހައުންސިންގ މިނިސްޓްރީ އާއި އެ މަސައްކަތުގައި ބޭއިންސާފުން އަމަލުކުރި ކަމަށް ފާހަގަ ކުރެއްވިފައިވާ އެންމެހާ ފަރާތްތަކާ ދެކޮޅަށް ދައުވާ ކުރުމަށްޓަކާ ފުލުހަށް މައްސަލަ ހުށަހެޅުމާއި އަދި ކައުންސިލުން އަމިއްލައަށް ކުރެވެން ހުރި މަދަނީ ދައުވާތައް ކުރުމަށް، ގާނޫނީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންތައްތައް ކުރުމަށްވެސް ފާސްކޮށްފައިވާ ކަމަށް ހާޝިމް ވިދާޅުވިއެވެ.
ދިއްދޫގައި އިމާރާތް ކޮށްފައިވާ ހައުސިންގ ޔުނިޓްތައް ދީފައިވަނީ ސަރުކާރަށް ތާއީދުކުރާ ވަކި ބަޔަކަށް ކަމަށް އޭރުވެސް ކައުންސިލުން ވަނީ ތުހުމަތު ކޮށްފަ އެވެ. އަދި އެމައްސަލަތަކުގައި ކައުންސިލުން ދޫނުދިނުމުން އެލްޖީއޭ މެދުވެރިކޮށް ދިއްދޫ ކައުންސިލަރުންނަށް އޭރު ފިޔަވަޅު ވެސް އަޅާފައިވެ އެވެ