ގަދަބާރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ފާސްކުރުމަށް ފަހު، އެ މަގާމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް އައްޔަން ކުރަން އުޅޭކަން "ރާއްޖެއެމްވީ" އަށް އެނގިއްޖެ އެވެ.
"ރާއްޖެއެމްވީ" އަށް އެނގިފައިވާ ގޮތުގައި މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުން ފާސްކުރުމަށްފަހު، ގުޅިފައިވާ ޕާޓީތަކުގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުން ނިންމާފައި ވަނީ ގާސިމް އިބްރާހީމް މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް އިންތިޚާބު ކުރެއްވުމަށެވެ.
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސަރުކާރު ހިންގާ ޕީޕީއެމް އަށް ނިސްބަތްވާ ބައެއް މެމްބަރުންނާއެކު ގިނަ އަދަދެއްގެ މެމްބަރުން ވަނީ ސޮއި ކުރައްވާފަ އެވެ.
މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިއަދު މަޖިލީހަށް ވައްދާއިރު، އޭނާ އިސްތިއުފާ ދެއްވަން ނިންމަވާފައި ވާކަން ވަނީ އެނގިފަ އެވެ.