ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ބޮޑުތަނުން ބަލިވެވަޑައިގެންނެވި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމުގެ ސަރުކާރުގައި މުވައްޒަފުން ލާފައިވަނީ އިދާރީ ގޮތުން ވެރިކަން ހިންގުމަށްވުރެ ބޮޑަށް އަމިއްލަ ސިޔާސީ އެޖެންޑާއެއް ހާސިލް ކުރުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ތޯރިޤް ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީން އަންގާރަ ދުވަހުގެރޭ ގެނެސްދިން ފަލަ ސުރުޚީ ޕްރޮގްރާމުގައި ތޯރިޤް ވިދާޅުވީ ރައީސް ޔާމީން މިޤައުމުގެ ވެރިކަމަށް ވަޑައިގެންނެވި އިރު ޤައުމު ހާލަތަށްވުރެ އެއްވެސް ދާއިރާއަކުން ކުރިއެރުމެއް އައިސްފައި ނުވާކަމަށެވެ. އެއްވެސް ކަމެއްގައި ކާމިޔާބީއެއް ލިބިފައިނުވާ ކަމަށާއި އޭގެ މާނައަކީ ކުރިއެރުމެއް ނެތުން ކަމަށެވެ.
ތޯރިޤް ވިދާޅުވީ ކޮންމެ ސަރުކާރެއްގައި ވެސް ކޮންމެވެސް ކަންތައްތަކެއް ވާނެ ކަމަށާއި ނަމަވެސް ރައީސްއަކަށް އަންނަ މީހަކަށް އެހާ ބޮޑަށް އިތުބާރުކޮށް ކަންކަން ހަވާލުކުރުމުން ކުރިއެރުމެއް ލިބިފައި, ނުވާނަމަ އެއީ ކާމިޔާބު ނުވުން ކަމަށެވެ. މިސަރުކާރުގައި އެއްވެސް ދާއިރާއަކުން އެހާ ބޮޑެތި ކުރިއެރުންތަކެއް އައިސްފައި ނުވާކަމަށް ތޯރިޤް ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި ވަރަށް ގިނަ ކޯޑިނޭޓަރުން ފަދަ ބައިވަރު ސިޔާސީ މަޤާމްތަކާއެކު ހިންގެވި ސަރުކާރަށް އިޝާރާތް ކުރައްވާ ތޯރިޤް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ފެނިގެން ދިޔައީ ވެރިންކަންކުރަން، ނުވަތަ އިދާރީ ގޮތުން ކަންތައްތަކެއް ކުރުމަށް ބަޔަކު ނެގުމުގެ ބަދަލުގައި އެމަނިކުފާނުގެ ސިޔާސީ އެޖެންޑާ ފުރިހަމަކުރުމަށް ސިޔާސި މުވައްޒަފުންތަކެއް ލައިގެން ހިންގިތަން ކަމަށެވެ.
"ރައީސް ޔާމީންގެ ވެރިކަމުގައި ފެނިގެން މިދިޔައީ އިދާރީގޮތުން މަސައްކަތްތަކެއް ކުރުމަށް ބަޔަކު ނެގުމުގެ ބަދަލުގައި އެމަނިކުފާނުގެ ސިޔާސީ އެޖެންޑާއެއް ހާސިލް ކުރުމަށް ސަރުކާރުގެ އެކި އިދާރާތަކަށާއި އެކި މުވައްސަސާތަކަށް މުވަޒްފުންތަކެއް ލެވިގެން ދިޔަތަން. އެންމެފަހުން ކެމްޕެއިންތެރޭގައިވެސް ކެމްޕެއިން ނިމިގެން ދިޔަފަހުންވެސް ހަމައެހެންމެ ރިޔާސީ އިންތިޚާބުގެ ނަތީޖާ އިއުލާންކުރި ފަހުންވެސް އެކިއެކި ކުންފުނިތަކަށާއި އެކިއެކި މުއައްސަސާތަކަށާއި އެކިއެކި ދިމަދިމާއަށް މުވައްޒަފުން ލައްވަމުން" ތޯރިޤް ވިދާޅުވިއެވެ.
އިންތިޚާބުގައި ރައީސް ޔާމީނަށް ރައްޔިތުން ނޫނެކޭ ބުނުމުންވެސް އިންތިޚާބު ބާތިލް ކުރަން ކޯޓަށް ވަޑައިގެންނެވުމަށް އިޝާރާތް ކުރައްވާ ތޯރިޤް ވިދާޅުވީ ރައީސް ޔާމީން އެފަދަ ގޮތަކަށް ކަންކުރައްވަފާނެކަން ކުރިންވެސް އެނގޭ ކަމަށާއި އެކަން އެގޮތަށް ޤަބޫލު ކުރެވުނީ އެކެއް ފެބްރުއަރީގައި ނެރުނު ހުކުމާމެދު ކަންކުރެއްވި ގޮތުން ކަމަށެވެ.