ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދު ޕީޕީއެމުން ވަކިކުރީ އޮންނަ އުސޫލުތަކުގެ ބޭރުން ކަމަށް ނިންމައި، އެކަން ރައްޔިތުންގެ މަޖިލީހަށް އިލެކްޝަންސް ކޮމިޝަނުން އަންގައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން، ރައްޔިތުންގެ މަޖިލީހަށް އެކަން އެނގީ ޕީޕީއެމުން ވަކިކުރީ އުސޫލުތަކުގެ ބޭރުން ކަމަށް ބަޔާންކޮށް މައްސަލަ ބަލައިދިނުމަށް އޭނާގެ ފަރާތުން ހުށައެޅި މައްސަލައަށް ބަލަމުން ގެންދާތީ އެވެ.
ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ތަރުޖަމާން އަހުމަދު އަކްރަމް ވިދާޅުވީ ފަޒާދުގެ ފަރާތުން ހުށައެޅި މައްސަލަ ބަލަމުން ގެންދާތީ ކުރިން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީ އިލެކްޝަންސް ކޮމިޝަނުން ކެންސަލްކޮށްފައިވާ ކަމަށެވެ. އަދި އެކަން ރައްޔިތުންގެ މަޖިލީހަށް ވެސް އަންގާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަކްރަމް ވިދާޅުވީ ބެލިބެލުމުން ފަޒާދު ޕީޕީއެމުން ވަކިކުރީ އިސްތިއުނާފުގެ މަރުހަލާތައް ވެސް ފުރިހަމަ ނުކޮށް ކަމަށެވެ. އަދި އިސްތިއުނާފް ކުރުމަށް ވެސް ފަޒާދަށް ފުރުސަތުދީފައި ނުވާކަން އެނގިފައިވާ ކަަމަށް އޭނާ ވިދާޅުވިއެވެ.
ފަޒާދު އިދިކޮޅު ފަރާތްތަކުގެ ކެމްޕެއިނާ ގުޅުނު ހިސާބުން ޕީޕީއެމުން ވަކިކޮށް އެކަން އިލެކްޝަންސް ކޮމިޝަނަށް އެންގީ މިދިޔަ މަހުގެ 6 ވަނަ ދުވަހު އެވެ. އަދި އިލެކްޝަންސް އިން ވެސް ވަނީ ޕީޕީއެމްގެ ނިންމުން ބަލައިގަތްކަން ހާމަކޮށް، މަޖިލީހަށް އެކަން އަންގާފައެވެ.