ވަޒީފާއަށް ޤަވާއިދުން ނިކުމެފައިނުވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ އެކްޓިވިސްޓަކަށް ސަރުކާރުން މުސާރަދީފައިވާކަން ހާމަވެއްޖެއެވެ.
މީސްމީޑިޔާގައި ހާމަވެފައިވާ ލިޔުމަކުން ފެންނަ ގޮތުގައި ވަޒީފާއަށް ހާޒިރުނުވެ، ހާޒިރުނުވާ ދުވަސްތަކަށް ސަރުކާރުން ފުލްކޮށް މުސާރަދީފައި ވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ އެސިސްޓެންޓް ޕަބްލިކް ރިލޭޝަންސް އޮފިސަރެއް ކަމަށްވާ ސޫދާ އަބްދުﷲ އަށެވެ. އެގޮތުން ސެޕްޓެމްބަރު މަހު އަދި އޮކްޓޯބަރުމަހުގެ ވެސް އޭނާ އޮފީހަށް ހާޒިރުވެފައިނުވާ ދުވަސްތަކަށް ސަރުކާރުން ވަނީ އޭނާއަށް ފުލް މުސާރަދީފައެވެ.
Full day salary dheefa miothy Eeeeee seeeee shareefooo ah gowaa soodha aunty ah. Meena Campaign dhuvas varu ves emmeh dhuvahaku ves nudhey office ah ves pic.twitter.com/nwPvgZD4Vx
— Rahoo ?? (@Rawhoo_) October 22, 2018
އެމްޕީއެލްގެ ސީނިއަރ މުވައްޒަފަކު ރާއްޖެ އެމްވީއަށް މައުލޫމާތު ދިން ގޮތުގައި ޖުލައި މަހުން ފެށިގެން ސޫދާ ވަނީ ރައީސް ޔާމީންގެ ކެމްޕޭން ހަރަކާތްތަކަށް ދޫކޮށްފައެވެ. އެ ތިން މަސްދުވަހު ވެސް ސޫދާ އަށް ފުލްކޮށް މުސާރަދީފައިވާ ކަމަށް ވެއެވެ.
މިކަމާ ގުޅޭ ގޮތުން ސޫދާގެ ބަހެއް ހޯދުމަށް ރާއްޖެ އެމްވީއިން ގުޅާލުމުން ފޯނަށް ޖަވާބުނުދޭތީ، އޭނާގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.
ސޫދާއަކީ ރިޔާސީ އިންތިޚާބްގެ އިލެކްޝަންސް ކޮމިޝަނުން އޮޅުވާލާފައިވާ ކަމަށް ބުނެ ޕީޕީއެމްއިން ކުރިއަށް ގެންދިޔަ "އޮޅުވާލި ވޯޓް" މުޒާހަރާގައި ބައިވެރިވެ އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އަޑުއުފުލާފައިވާ ޕީޕީއެމްގެ ވަރުގަދަ އެކްޓިވިސްޓެކެއެވެ.
އެމްޕީއެލްގެ ސީނިއަރ މުވައްޒަފަކު ބުނީ ރައީސް ޔާމީންގެ ކެމްޕޭންގެ މަސައްކަތް ކުރުމަށް ސޫދާގެ އިތުރުން އެމްޕީއެލްގެ 50 މުވައްޒަފަކު ވަޒީފާއަށް ނިކުންނަން ނުޖެހޭ ގޮތަށް ވީއްލާފައިވާ ކަމަށެވެ.
އެމްޕީއެލްގެ ގިނަ އަދަދެއްގެ މުވައްޒިފުން ރައީސް ޔާމީންގެ ކެމްޕޭން ހަރަކާތްތަކުގައި ބައިވެރިވެފައިވާއިރު، ސަރުކާރުގެ ގިނަ ކުންފުނިތަކުގެ މުވައްޒިފުން ރައީސް ޔާމީންގެ ކެމްޕޭން ހަރަކާތްތަކުގައި ބައިވެރިވުމަށް މުސާރަ ލިބޭ ގޮތަށް ދޫކޮށްފައިވާކަން ރާއްޖެ އެމްވީއަށް ވަނީ އެނގިފައެވެ.
ރައީސް ޔާމީންގެ ކެމްޕޭނަށް އެޗްޑީސީއިން ޚަރަދުކުރި މައްސަލައެއް ވެސް އޮޑިޓް ކުރުމަށް އޮޑިޓް އޮފީހުން ވަނީ ނިންމާފައެވެ.
ދައުލަތުގެ މުދަލާއި ފައިސާ އާއި ވަސީލަތްތައް ބޭނުންކޮށްގެން މީހަކަށް މަންފާވާ ގޮތަށް އެއްވެސް ކަމެއް ކުރުމަކީ ކޮރަޕްޝަންގެ އަމަލެކެވެ.