ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ 45 މެމްބަރުންގެ ސޮޔާ އެކު މަޖިލީހަށް ހުށައެޅުމަށް އިދިކޮޅު ފަރާތްތަކުން ތައްޔާރުވެއްޖެއެވެ.
ރާއްޖެއެމްވީއަށް އިތުބާރު ހުރި މަސްދަރުތަކުން އެނގިފައިވާ ގޮތުގައި މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައެޅުމަށް ނިންމާފައިވަނީ ބުދަ ދުވަހު އެވެ. އަދި އެ މައްސަލަ ހުށައެޅުމަށް ނިންމާފައި ވަނީ ޕީޕީއެމްގެ ބައެއް މެމްބަރުންނާއި، އެމްޑީއޭގެ ބައެއް މެމްބަރުންގެ ސޮޔާ އެކުގައިކަން އެނގިފައި ވެއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތުދިން މަޖިލީހުގައި ޕީޕީއެމް ތަމްސީލްކުރައްވާ މެމްބަރަކު ވިދާޅުވީ މަސީހު އިސްތިއުފާ ދެއްވުމަށް ބައެއް މެންބަރުން ހުށައެޅުއްވި ކަމަށެވެ. ނަމަވެސް މަސީހު އިސްތިއުފާ ދެއްވުމަށް ދެކޮޅު ހައްދަވާ ކަމަށާއި އިތުބާރުނެތްކަމުގެ މައްސަލަ ހުށައަޅަނީ އިސްތިއުފާދެއްވުމަށް އިންކާރުކުރައްވާތީ ކަމަށް އެ މެމްބަރު ވިދާޅުވިއެވެ.
މަޖިލީހުގެ މެޖޯރިޓީ މިވަގުތަށް ބެހިފައިވާގޮތަށް ބަލާއިރު މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ 45 މެމްބަރުން ސޮޔާއެކުގައި ހުށައަޅާކަމުގައިވާނަމަ މަޖިލީހުގައި ގުޅިފައިވާ ޕާޓީތައް ތަމްސީލްކުރާ މެމްބަރުންގެ އިތުރުން ޕީޕީއެމް އަދި އެމްޑީއޭގެ ގިނަ މެމްބަރުންގެ ސޮއި ބޭނުންވާނެ އެވެ. މިވަގުތު މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދަކީ 76 މެމްބަރުންނެވެ.
ޕާޓީތަކަށް މެމްބަރުން ބެހިފައިވާގޮތް:
- ޕީޕީއެމް: 36
- އެމްޑީޕީ: 21
- ޖުމްހޫރީ ޕާޓީ: 7
- އެމްޑީއޭ: 5
- އަދާލަތު ޕާޓީ: 1
- މިނިވަން މެމްބަރުން: 6
- މަޖިލީހުގެ ޖުމްލަ އަދަދު (މިވަގުތު): 76
- މަޖިލީހަށް ނުވަދެވޭ މެމްބަރުންގެ އަދަދު (މިވަގުތު): 9
ރާއްޖެ.އެމްވީއަށް އެނގިފައިވާގޮތުގައި އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ދަފްތަރުން އުނިކޮށްފައިވާ 8 މެމްބަރުންގެ ސޮޔާވެސް އެކުގައެވެ. އެ މެމްބަރުންގެ މައްސަލަތައް މިހާރު ސުޕްރީމް ކޯޓުގައި ކުރިއަށްގެންދާއިރު، ބައެއް މައްސަލަތަކުގެ އަޑުއެހުންތައް މިހާރު ވަނީ ނިންމާލައިފަ އެވެ. އަދި ގިނަ މައްސަލަތަކުގައި ހުކުމް އިއްވުމަށް ތައއްޔާރުވެފައިވާއިރު، އެ 8 މެމްބަރުންނަކީ މެމްބަރުން ނޫންކަމަށް އެއްވެސް އިދާރާއަކުން ކަނޑައަޅާފައެއް ނުވެއެވެ. ރާއްޖެ.އެމްވީއަށް މައުލޫމާތުދެއްވި މެމްބަރަކު ވިދާޅުވިގޮތުގައި މި ހަފްތާގެ ބުރާސްފަތި ދުވަހު ގިނަ މެމްބަރުންތަކެއްގެ މައްސަލާގައި ސުޕްރީމް ކޯޓުން ހުކުމް އިއްވާނެކަމަށް ބެލެވޭކަމަށެވެ.
މިއީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައެޅުމަށް އިދިކޮޅު އިއްތިހާދުން މަސައްކަތްކުރާ ތިން ވަނަ ފަހަރު އެވެ. އެންމެ ފަހުން މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައެޅުމާއެކު 12 މެމްބަރުންގެ ގޮނޑި ގެއްލިފައިވާކަމަށް ކަނޑައަޅާ އެ މެމްބަރުން މަޖިލީހަށް ނުވަދެވޭގޮތް ވަނީ ހަދާފަ އެވެ. އަދި ރިސްވަތު ދިންކަމަށް ބުނެ ބައެއް މެމްބަރުން ހައްޔަރުކޮށް، ޖަލަށްލައި، ދައުވާތައްވެސް އުފުލާފައިވެއެވެ.
އިދިކޮޅު ފަރާތްތަކުން ބުނީ މަޖިލީހުގެ ޖަލްސާތައް ކުރިއަށްގެންދާނީ މަސީހު، މަޖިލީހުގެ ރިޔާސަތުން ބޭރުކުރުމަށްފަހުގައި ކަމަށެވެ. އަދި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ހުވާކުރުމުގެ ރަސްމިއްޔާތަށް ވަޑައިގަންނަވާނީ މަޖިލީހުގެ އައު ރައީސާއެކުގައިކަމަށް އިއްތިހާދުން ވަނީ ބުނެފަ އެވެ.