ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި، ސަރުކާރު ހިންގާ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބާރާއި ނުފޫޒު ނުފޯރުވި ނަމަ، 35000 ވޯޓަށް ވުރެ އެންމެ ވޯޓެއް ވެސް އިތުރަށް ލިބިވަޑައި ނުގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު އިލްހާމު އަހުމަދު ވިދާޅުވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ 12 މެމްބަރުގެ ތެރޭގައި ހިމެނޭ މެމްބަރު އިލްހާމް، އިލެކްޝަންސްގެ އެ ނިންމުން ބާތިލް ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި، އަންގާރަ ދުވަހު ބޭއްވި ޝަރީއަތުގެ އަޑުއެހުމަށް ފަހު ވިދާޅުވީ، ރައީސް ޔާމީންގެ އަނިޔާވެރިކަމާއި ބާރާއި ނުފޫޒު ބޭނުންކޮށްގެން 96000 ވޯޓު ލިބިފައިވާ ކަމަށް ރިޔާސީ އިންތިހާބުން ދެއްކި ނަމަވެސް އެއީ ހަގީގީ އަދަދެއް ނޫން ކަމަށެވެ. އަދި ރަނގަޅަށް މިނިވަން އިންސާފުވެރި އިންތިހާބެއް ބާއްވައިފިނަމަ ރައީސް ޔާމީންއަށް އެންމެ ގިނަ ވެގެންވެސް ލިބޭނީ 35000 ވޯޓު ކަމަށާއި އެމަނިކުފާނަކީ ރައްޔިތުންގެ ތާއީދު އޮތް ބޭފުޅެއް ނޫން ކަމަށް އިލްހާމް ވިދާޅުވިއެވެ.
އިލްހާމު ވިދާޅުވީ ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ސަރުކާރުގެ ތެރޭގައި އުޅުނުއިރު، ސަރުކާރު ހަމަމަގަށް އެޅުވުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާފައިވާނެ ކަމަށާއި ސަރުކާރު ހަމަމަގުން ނެއްޓުމުން އިސްލާހު ކުރުމުގެ މަސައްކަތް ފެއްޓެވީ ގޮނޑިވެސް ގެއްލުވާލާފާނެ ކަމަށް ބަލައިގެން ކަމަށެވެ. އަދި އެކަމަށް ވެސް ތައްޔާރުވެވަޑައިގެންނެވި ކަމަށް ވެސް އިލްހާމް ވިދާޅުވިއެވެ.
އިލްހާމް ވިދާޅުވީ ސަރުކާރާ ދެކޮޅަށް ނުކުތުމުން ގޮނޑި ގެއްލުވާލާނެ ކަމަށް ސަރުކާރުގެ އިސްވެރިން ބުނެފައިވާ ކަމަށާއި ނަމަވެސް އެއްވެސް ޖެހިލުމެއް ނެތި ނިކުންނެވީ ގައުމާއި ރައްޔިތުންގެ ހައްގުގައި ކަމަށެވެ.
އިލްހާމް ވިދާޅުވީ ރައީސް ޔާމީންގެ އަރިހުގައި މިހާރު އެ ތިއްބެވި މަޖިލިސް މެމްބަރުން ތިއްބަވަނީ ބިރުން ކަމަށާއި، ބިރު ފަހަނައަޅާ ދިޔުން ނޫން ގޮތެއް ނެތް ކަމަށް އެ މެމްބަރުންނަށް ދަންނަވާލާ ކަމަށާއި ރައީސް ޔާމީންގެ އަރިހުގައި މިހާރު އެ ތިއްބެވި މެމްބަރުންގެ ހާލާ މެދު ކަންބޮޑުވެ، ލަދު ގަންނަ ކަމަށް ވެސް އިލްހާމް ވިދާޅުވިއެވެ.