ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ނިންމުން ބާތިލް ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފިއެވެ.
މެމްބަރު ސައުދުﷲގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ މައްސަލާގައި ސުޕްރީމް ކޯޓުގައި އަންގާރަ ދުވަހު ބޭއްވި އަޑުއެހުމަކީ އެ މައްސަލާގައި ބޭއްވި ފުރަތަމަ އަޑުއެހުމެވެ. އަދި މި އަޑުއެހުމާ އެކު މި މައްސަލައިގެ އަޑުއެހުންތައް ވަނީ ނިންމާލާފައެވެ. ދެން އޮންނާނީ މި މައްސަލާގައި ހުކުމް ކުރުމަށް ބޭއްވޭ ޝަރީއަތެވެ.
މެމްބަރު ސައުދުﷲގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާ މައްސަލާގައި ސައުދުﷲގެ ގާނޫނީ ވަކީލުން މައިގަނޑު ގޮތެއްގައި ފާހަގަ ކުރައްވާފައި ވަނީ ސައުދުﷲ ޕީޕީއެމްގެ މެމްބަރު ކަމުން ވަކިވެފައި ވަނީ "ފްލޯ ކޮރޮސިންގ"އާ ބެހޭ ގޮތުން ސުޕްރީމް ކޯޓުން 13 ޖުލައި 2017 ވަނަ ދުވަހު ކޮށްފައިވާ ހުކުމުގެ ކުރިން ކަމަށް ވާތީ، މެމްބަރު އިލްހާމްގެ ގޮނޑި ގެއްލިފައި ނުވާ ކަމަށެވެ.
ސައުދުﷲގެ ގާނޫނީ ވަކީލުން ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން ހަދާފައިވާ ޕީޕީއެމްގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން މެމްބަރެއް މެމްބަރުކަމުން ވަކިވާން އެދި ސިޓީ ލާ ދުވަހުން ފެށިގެން ޕާޓީގެ މެމްބަރުކަމުން ވަކިވާނެ ކަމަށް ޕީޕީއެމްގެ އަސާސީ ގަވާއިދުގައި ވަރަށް ސާފުކޮށް ބަޔާން ކޮށްފައިވާ ކަމަށެވެ. އެހެންކަމުން ސައުދުﷲ ޕީޕީއެމްގެ މެމްބަރު ކަމުން ވަކިވުމަށް 10 ޖުލައި 2017 ގައި ޕީޕީއެމްއަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ޖުލައި މަހުގެ 11 ވަނަ ދުވަހު ޕީޕީއެމްގެ މެމްބަރުކަމުން ވަކިކޮށް ދެއްވުމަށްއެދި، ސިޔާސީ ޕާޓީގެ މެމްބަރުކަމުން ވަކިވުމަށް އެދޭ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަފައިވާ ކަމަށް ސައުދުﷲގެ ގާނޫނީ ވަކީލު ވިދާޅުވިއެވެ.
އެހެންކަމުން ސުޕްރީމް ކޯޓުން 13 ޖުލައި 2017ގައި ނެރެފައިވާ ހުކުމުގެ ކުރިން ސައުދުﷲ ޕީޕީއެމް މެމްބަރުކަމުން ވަކިވެފައިވާ ކަމަށް ސައުދުﷲގެ ގާނޫނީ ވަކީލު ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ގާނޫނީ ވަކީލު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ގަބޫލުކުރާ ގޮތުގައި ސިޔާސީ ޕާޓީއެއްގެ މެމްބަރެއް އެ ޕާޓީގެ މެމްބަރު ކަމުން ވަކިވާނީ، އިލެކްޝަންސް ކޮމިޝަނުގައި އޮންނަ ސިޔާސީ ޕާޓީގެ ދަފްތަރުން އުނިކުރުމުން ކަމަށެވެ. އެހެންކަމުން މެމްބަރު ސައުދުﷲ ޕީޕީއެމްގެ މެމްބަރު ކަމުން ވަކިކުރެވިފައި ވަނީ 31 އޮކްޓޯބަރު 2017 ގައި ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ގާނޫނީ ވަކީލު ވިދާޅުވިއެވެ.
އަންގާރަ ދުވަހު ސުޕްރީމް ކޯޓުން މެމްބަރު ސައުދުﷲގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދުގެ ގޮނޑީގެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް ބާއްވައި، ވަނީ އިލްހާމުގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުންތައް ވެސް ނިންމާލާފައެވެ.
އިލްހާމް އާއި ސައުދުﷲގެ އިތުރުން ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ، އަދި ވަކި ގޮތެއް ސުޕްރީމް ކޯޓުން ނިންމާފައިނުވާ ހަ މެމްބަރުންގެ މައްސަލައަކީ ވެސް ދާދި އެއްގޮތަކަށް ކަންކަން ހިނގާފައިވާ މައްސަސަލަތަކެކެވެ.
އިލެކްޝަންސް ކޮމިޝަނުން 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް މީގެ އެއް އަހަރު ކުރިން ނިންމާފައިވާ ނިންމުން އިލެކްޝަންސް ކޮމިޝަނުން ވަނީ ދާދި ފަހުން ބަދަލުކޮށް، އެ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ނިންމާފައެވެ. ނަމަވެސް މެމްބަރުންގެ ގޮނޑީގެ މައްސަލަތައް ސުޕްރީމް ކޯޓުގައި ކުރިއަށްދާތީ ސުޕްރީމް ކޯޓުން ވަނީ އިލެކްޝަންސް ކޮމިޝަނުގެ އެނިންމުން ބާތިލް ކަމަށް ނިންމާފައެވެ.
އެހެންކަމުން އިލެކްޝަންސް ކޮމިޝަނުގެ މިހާރުގެ ސްޓޭންޑަކީ ކުރިން އެކޮމިޝަނުން ނިންމާފައިވާ، ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ ނިންމުމެވެ. އިލެކްޝަންސް ކޮމިޝަނުން މިމައްސަލަތަކުގައި ވަކާލުތު ކުރައްވަނީ ވެސް އެ ނިންމުމުގެ މައްޗަށެވެ.
އިލްހާމް އާއި ސައުދުﷲގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައިވާ އިރު، މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނު އާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދުގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ މައްސަލައިގެ އަޑުއެހުންތައް ވެސް ވަނީ ނިންމާލާފައެވެ.
ސުޕްރީމް ކޯޓުން ވަނީ އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލިފައިވާ ކަމަށް ނިންމާފައިވާ 12 މެންބަރުންގެ ތެރެއިން ހަތަރު މެންބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ހުކުމް ކޮށްފަ އެވެ. އެއީ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް އާއި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ އިތުރުން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދުގެ ގޮނޑީގެ މައްސަލައެވެ.
ސުޕްރީން ކޯޓަށް ހުށަހަޅާފައިވާ އަދި އަޑު އެހުމެއް ބާއްވާފައި ނުވާ ހަތަރު މެމްބަރެއްގެ ގޮނޑީގެ މައްސަލަ ވެއެވެ. އެއީ ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ އާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހުގެ އިތުރުން ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީގެ ގޮނޑީގެ މައްސަލައެވެ. އެ ހަތަރު މެމްބަރުން ހުށަހަޅާފައިވާ މައްސަލަތަކުގެ އަޑުއެހުންތައް ވަރަށް އަވަހަށް ބޭއްވޭނެ ކަމަށް ބެލެވެއެވެ.