ޝެއިޚް އިމްރާން އަބްދުﷲ އަށް އިއްވާފައިވާ 12 އަހަރުގެ ޖަލު ހުކުމް އަލުން ރިވިއުކުރަން ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.
އިމްރާންގެ ގާނޫނީ ވަކީލު އަދި އަދާލަތު ޕާޓީގެ ނާއިބު ރައީސް އަލީ ޒާހިރު ކުރައްވާފައިވާ ޓްވީޓެއްގައި އޭނާ ވިދާޅުވެފައި ވަނީ އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ އަށް ކޮށްފައިވާ ޖަލު ހުކުމް އިސްތިއުނާފް ކުރުމަށް ސުޕްރީމް ކޯޓަށް ކުރިން ހުށަހެޅި ހުށަހެޅުން ބަލައިގެންފައި ނުވާތީ އަލުން އެ ނިންމުން މުރާޖައާކޮށް ދެއްވުމަށް އެދި ހުށަހަޅުއްވާފައިވާ ކަމަށެވެ.
އަލީ ޒާހިރުގެ ޓްވީޓްގައި އޭނާ ވިދާޅުވެފައި ވަނީ ގުޅިފައިވާ ޕާޓީތަކުގެ ލީޑަރުން މިނިވަންވުމަކީ ޓްރާންސިޝަނަލް (ވެރިކަން ބަދަލުވުމުގެ) މަރްހަލާގެ މަސައްކަތަށް ނުހަނު ބޭނުންތެރިކަމެއް ކަމަށެވެ.
AP ge Raēs Imran Abdulla ge machah kohffaiva jaluhukum Isthiunāf kurumah SC ah kurin hushahelhi hushahelhun balaigenfainuvāthi alun eninmun muraja kohdhevvumah edhi SC ah vani hushahelhifa. Joint Party thakuge leaders minivanvumaki transitional masahkathah nuhanu beynuntherikameh
— Ali Zahir (alipi) (@alixahir) October 23, 2018
އިމްރާންއަށް 12 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން 2015 ވަނަ އަހަރުގެ މޭޑޭގައި ބޭއްވި މުޒާހަރާގައި އިމްރާން ދެއްކެވި ވާހަކަތަކުގެ ސަބަބުން ޓެރަރިޒަމްގެ ދައުވާ އުފުލުމަށް ފަހުގައެވެ.
ސުޕްރީމް ކޯޓުން 2016 ވަނަ އަހަރުގެ ފެބްރުއަރީމަހުގެ 16 ވަނަ ދުވަހު އިމްރާންގެ މައްޗަށް 12 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، މިދިޔަ އަހަރުގެ އެޕްރީލް މަހުގެ 23 ވަނަ ދުވަހު ހައިކޯޓުން ވެސް ވަނީ އެ ހުކުމަށް ތާއީދްކޮށްފައެވެ. އިމްރާން މިވަގުތު ހުންނެވީ ގޭ ބަންދުގައެވެ.
ވެރިކަން ބަދަލުވުމުގެ އިންތިގާލީ މަރްހަލާގައި ގުޅިފައިވާ ޕާޓީތަކުގެ ލީޑަރުން މިނިވަންވެފައި ތިބުމަކީ ނުހަނު ބޭނުންތެރިކަމެއް ކަމަށް އަލީ ޒާހިރު ވިދާޅުވެފައިވާއިރު، ގުޅިފައިވާ ޕާޓީތަކުގެ ލީޑަރުންގެ ތެރެއިން މި ވަގުތު ޖަލު ހުކުމްގައި ތިއްބެވީ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި، އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ އެވެ.
ރައީސް ނަޝީދު ވަނީ "ވީހާލެއްގައިވާން" ނޮވެމްބަރު 1 ވަނަ ދުވަހު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެމްޑީޕީ އިން ދަނީ ނޮވެމްބަރު 1 ވަނަ ދުވަހު ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާއިރު އެ މަނިކުފާނަށް ހޫނު މަރްހަބާއެއް ދެންނެވުމުގެ ތައްޔާރީތައް ވަމުންނެއެވެ.