ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ނިންމުން ބާތިލް ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފިއެވެ.
މެމްބަރު އިލްހާމްގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ މައްސަލާގައި ސުޕްރީމް ކޯޓުގައި އަންގާރަ ދުވަހު ބޭއްވި އަޑުއެހުމަކީ އެ މައްސަލާގައި ބޭއްވި ފުރަތަމަ އަޑުއެހުމެވެ. އަދި މި އަޑުއެހުމާއެކު މިވަނީ މިމައްސަލައިގެ އަޑުއެހުންތައް ނިންމާލާފަ އެވެ. ދެން އޮންނާނީ މިމައްސަލާގައި ހުކުމް ކުރުމަށް ބޭއްވޭ ޝަރީއަތެވެ.
މެމްބަރު އިލްހާމުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާ މައްސަލާގައި އިލްހާމުގެ ގާނޫނީ ވަކީލުން މައިގަނޑު ގޮތެއްގައި ފާހަގަ ކުރައްވާފައި ވަނީ އިލްހާމް ޕީޕީއެމްގެ މެމްބަރު ކަމުން ވަކިވެފައި ވަނީ "ފްލޯ ކޮރޮސިންގ"އާ ބެހޭ ގޮތުން ސުޕްރީމް ކޯޓުން 13 ޖުލައި 2017 ވަނަ ދުވަހު ކޮށްފައިވާ ހުކުމުގެ ކުރިން ކަމަށް ވާތީ، މެމްބަރު އިލްހާމްގެ ގޮނޑި ގެއްލިފައި ނުވާ ކަމަށެވެ.
އިލްހާމްގެ ގާނޫނީ ވަކީލުން ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން ހަދާފައިވާ ޕީޕީއެމްގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން މެމްބަރެއް މެމްބަރުކަމުން ވަކިވާން އެދި ސިޓީ ލާ ދުވަހުން ފެށިގެން ޕާޓީގެ މެމްބަރުކަމުން ވަކިވާނެ ކަމަށް ޕީޕީއެމްގެ އަސާސީ ގަވާއިދުގައި ވަރަށް ސާފުކޮށް ބަޔާން ކޮށްފައިވާ ކަމަށެވެ. އެހެންކަމުން އިލްހާމް ޕީޕީއެމްގެ މެމްބަރު ކަމުން ވަކިވުމަށް 09 ޖުލައި 2017 ގައި ޕީޕީއެމްއަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ޖުލައި މަހުގެ 10 ވަނަ ދުވަހު ޕީޕީއެމްގެ މެމްބަރުކަމުން ވަކިކޮށް ދެއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ވެސް ސިޓީ ފޮނުވާފައިވާ ކަމަށް ވެސް އިލްހާމްގެ ގާނޫނީ ވަކީލު ވިދާޅުވި އެވެ.
އެހެންކަމުން ސުޕްރީމް ކޯޓުން 13 ޖުލައި 2017ގައި ނެރެފައިވާ ހުކުމުގެ ކުރިން އިލްހާމް ޕީޕީއެމް މެމްބަރުކަމުން ވަކިވެފައިވާ ކަމަށް އިލްހާމްގެ ގާނޫނީ ވަކީލު ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ގާނޫނީ ވަކީލު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ގަބޫލުކުރާ ގޮތުގައި ސިޔާސީ ޕާޓީއެއްގެ މެމްބަރެއް އެ ޕާޓީގެ މެމްބަރު ކަމުން ވަކިވާނީ، އިލެކްޝަންސް ކޮމިޝަނުގައި އޮންނަ ސިޔާސީ ޕާޓީގެ ދަފްތަރުން އުނިކުރުމުން ކަމަށެވެ. އެހެންކަމުން މެމްބަރު އިލްހާމް ޕީޕީއެމްގެ މެމްބަރު ކަމުން ވަކިކުރެވިފައި ވަނީ 20 ޖުލައި 2017 ގައި ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ގާނޫނީ ވަކީލު ވިދާޅުވިއެވެ.
އަންގާރަ ދުވަހު ސުޕްރީމް ކޯޓުން މެމްބަރު އިލްހާމްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީގެ ގޮނޑީގެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް ވެސް ވަނީ ބާއްވައި އަޑުއެހުންތައް ނިންމާލާފަ އެވެ. ސައުދުﷲގެ ޝަރީއަތުގެ އަޑުއެހުން ސުޕްރީމް ކޯޓުގައި ތާވަލް ކޮށްފައިވަނީ އަންގާރަ ދުވަހުގެ 13:00 އަށެވެ.
އިލްހާމް އާއި ސައުދުﷲގެ އިތުރުން ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ، އަދި ވަކިގޮތެއް ސުޕްރީމް ކޯޓުން ނިންމާފައިނުވާ 06 މެމްބަރުންގެ މައްސަލައަކީ ވެސް ދާދި އެއްގޮތަކަށް ކަންކަން ހިނގާފައިވާ މައްސަސަލަތަކެކެވެ.
އިލެކްޝަންސް ކޮމިޝަނުން 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް މީގެ އެއް އަހަރުކުރިން ނިންމާފައިވާ ނިންމުން އިލެކްޝަންސް ކޮމިޝަނުން ވަނީ ދާދި ފަހުން ބަދަލުކޮށް، އެ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ނިންމާފައެވެ. ނަމަވެސް މެމްބަރުންގެ ގޮނޑީގެ މައްސަލަތައް ސުޕްރީމް ކޯޓުގައި ކުރިއަށްދާތީ ސުޕްރީމް ކޯޓުން ވަނީ އިލެކްޝަންސް ކޮމިޝަނުގެ އެނިންމުން ބާތިލް ކަމަށް ނިންމާފައެވެ.
އެހެންކަމުން އިލެކްޝަންސް ކޮމިޝަނުގެ މިހާރުގެ ސްޓޭންޑަކީ ކުރިން އެކޮމިޝަނުން ނިންމާފައިވާ، ގޮނޑި ގެއްލިފައިވާކަމަށް ބުނާ ނިންމުމެވެ. އިލެކްޝަންސް ކޮމިޝަނުން މިމައްސަލަތަކުގައި ވަކާލުތު ކުރައްވަނީ ވެސް އެ ނިންމުމުގެ މައްޗަށެވެ.
އިލްހާމް އާއި ސައުދުﷲގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައިވާ އިރު، މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނު އާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދުގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ މައްސަލައިގެ އަޑުއެހުންތައް ވެސް ވަނީ ނިންމާލާފަ އެވެ.
ސުޕްރީމް ކޯޓުން ވަނީ އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލިފައިވާ ކަމަށް ނިންމާފައިވާ 12 މެންބަރުންގެ ތެރެއިން ހަތަރު މެންބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ހުކުމް ކޮށްފަ އެވެ. އެއީ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް އާއި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ އިތުރުން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދުގެ ގޮނޑީގެ މައްސަލަ އެވެ.
ސުޕްރީން ކޯޓަށް ހުށަހަޅާފައިވާ އަދި އަޑު އެހުމެއް ބާއްވާފައި ނުވާ ހަތަރު މެމްބަރެއްގެ ގޮނޑީގެ މައްސަލަ ވެއެވެ. އެއީ ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ އާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހުގެ އިތުރުން ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީގެ ގޮނޑީގެ މައްސަލަ އެވެ. އެ ހަތަރު މެމްބަރުން ހުށަހަޅާފައިވާ މައްސަލަތަކުގެ އަޑުއެހުންތައް ވަރަށް އަވަހަށް ބޭއްވޭނެ ކަމަށް ބެލެވެ އެވެ.