ހައްގު ހޯދައިދިން މީހާގެ ހައްގު ނިގުޅައިގަތީ ފަނޑިޔާރުގެއިން ކަމަށާއި އެތަނަށް އިންސާފު ހޯދުމަށް ދާނީ ކިހިނެތްތޯ ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ސުވާލު ކުރައްވައިފިއެވެ.
ދިޔާނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހައްގަށް ލޯ ނުހުޅުވި ރާއްޖެ އޮތް އިރު އަތްވާއި ވާރޭގައި މާކަނޑުތައް ހުރަސްކޮށް އެއް އަށިން އަނެއް އަށިން ހިނގާ އެތައް ގުރުބާނީއެއްވެ ދިވެހިންނަށް ހައްގު މިންވަރު ދަސްކޮށް ދެއްވީ ރައީސް ނަޝީދު ކަމަށެވެ. އަދި އެ އިންސާފު ހޯދުމަށް ރައީސް ނަޝީދު ފަނޑިޔާރުގެއަށް ދާނީ ކިހިނެއްތޯ ދިޔާނާ ސުވާލު އުފެއްދެވިއެވެ.
Haggah loa nuhulhuvi raajje oiyiru aiyvaa vaareyga maa kanduthah huraskoh, eh ashi dhoshun aneh ashi dhoshun hingavaa, ethah gurubaaneeeh ve, dhivehinnah haggu minvaru dhaskohdhevvi meehaage haggu fandiyaarugein nigulhaigatheemaa insaafu hoadhan emeehaa ethanah dhaanee kihineiy? pic.twitter.com/au3nrN4v4W
— Dhiyana (@dhiyanasaid) October 22, 2018
ދިޔާނާގެ މިހެން ވިދާޅުވީ ރައީސް ނަޝީދު ވިދާޅުވެފައިވާ "ޖަލަށް ދާން ޖެހުނަސް ނުހުއްޓުވޭނެ ކަމަށާއި ރާއްޖެ ވަޑައިގަންނަވާނެ ކަމަށް" ވިދާޅުވުމާއި ގުޅިގެންނެވެ.
ރައީސް ނަޝީދު ވިދާޅުވެފައިވަނީ ނޮވެމްބަރު 1 ގައި އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވާނެ ކަމަށާއި ޖަލަށް ދާން ޖެހިވަޑައިގަތަސް ރާއްޖެ ވަޑައިގަންނަވާނެ ކަމަށެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު(އަބްދުﷲ ގާޒީ) ސިފައިންގެ ބެލުމުގެ ދަށުގައި ގިރިފުށީގައި ބެހެއްޓި މައްސަލައިގައި އެމަނިކުފާނު 13 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރީ 2015 ވަނަ އަހަރުގެ މާޗް 13 ވަނަ ދުވަހު އެވެ.
2016ވަނަ އަހަރުގެ ޖެނުއަރީގައި ބޭސްފަރުވާ އަށް އިނގިރޭސި ވިލާތަށް ވަޑައިގެން، އެގައުމުން ހިމާޔަތް ހޯއްދެވުމަށް ފަހު ރައީސް ނަޝީދު ދިރިއުޅުއްވަނީ އިނގިރޭސިވިލާތާއި ސްރީލަންކާގައެވެ.
އެމްޑީޕީން ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ތަރުޖަމާނު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ ރައީސް ނަޝީދު، އެނބުރި ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި ކަމަށް ވަރަށް ޔަގީންކަމާ އެކު ދަންނަވާ ކަމަށެވެ.
ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާ ދުވަހަށް ޚާއްސަ ކޮށްގެން އެމްޑީޕީން ވަނީ ޓީޝާޓެއް ވެސް ނެރެފައެވެ. އެ ޓީޝާޓަކީ ރައީސް ނަޝީދުގެ އަތްޕުޅުން ލިޔުއްވާފައިވާ ލިޔުއްވުމެއް ބޭނުން ކޮށްގެން ތައްޔާރު ކޮށްފައިވާ ޓީޝާޓެކެވެ. އޭގައި އެމަނިކުފާނު ވިދާޅުވި "މިއީ ހިތާ ހިތުގެ ގުޅުމެއް" މި ބަސްކޮޅެވެ.