ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަގާމަށް ބޭފުޅަކު އިންތިޚާބު ކުރުމަށް އެމަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލީ ހޯމަ ދުވަހުގެ ރޭ ބޭއްވި ކައުންސިލް ބައްދަލުވުމެއްގައެވެ. އެޕާޓީގެ 123 ވަނަ ކައުންސިލް ބައްލުވުމުގައި މިނިންމުން ނިންމީ އެކަމާ މެދު މަޝްވަރާ ކުރުމަށް ފަހު މިބައްދަލުވުމުގައި ބައިވެރިވެލެއްވި 61 މެންބަރުންގެ އިއްތިފާގުންނެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަގާމު ހުސްކޮށް އޮތުމާއެކު އެމަގާމަށް ބޭފުޅަކު އިންތިޚާބުކޮށް، ވީހާވެސް އަވަހަށް އެކަން ކުރުމަށް ހުށަހެޅުއްވީ ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދެވެ.
މީގެ ކުރިން ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަގާމުގައި ހުންނެވީ އެޕާޓީގެ ބާނީ ގާސިމް އިބްރާހިމެވެ. ނަމަވެސް ރިޝްވަތު ހުށަހެޅި ކަމުގެ ދައުވާއާ ކްރިމިނަލް ކޯޓުގައި ސާބިތުވެ ގާސިމް ޖަލަށް ލާން ހުކުމް ކުރުމުން އެ މަގާމު ވަނީ ގެއްލިފައެވެ.
މިއަހަރުގެ އޮގަސްޓްމަހު ބޭއްވި ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންގްރެސްއަށް ފަހު ޕާޓީގެ ލީޑަރުގެ މަގާމު އޮތީ ހުސްވެފައެވެ. ޕާޓީގެ ލީޑަރުގެ ނެތި މިދިޔަ ދުވަސްކޮޅު ޕާޓީ ހިންގެވުމުގެ މަސްއޫލިއްޔަތު ކޮންގްރެސްއިން ހަވާލު ކޮށްފައިވަނީ ޑެޕިއުޓީ ލީޑަރ ޑރ ހުސައިން ރަޝީދު ހަސަންއާއެވެ.
ގާސިމް ރިޝްވަތު ހުށަހެޅި ކަމަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމައި ގާސިމްގެ މައްޗަށް ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 24 ވަނަ ދުވަހުގެ ރޭގެ މެންދަމުގެ ވަގުތުގައެވެ. ނަމަވެސް އެމަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމް ދިވެހިރާއްޖޭގެ ހައިކޯޓުން ހޯމަ ދުވަހު ވަނީ ބާތިލް ކޮށްފައެވެ.