ކުރީގެ ފޮރިން މިނިސްޓަރު އަހުމަދު ނަސީމާއި ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ޕާސަނަލް އެސިސްޓެންޓް އަހުމަދު ސޮފްވާން އަނބުރާ ރާއްޖެ އައުމުގެ އެއްވެސް ހުރަހެއް ނެތް ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަންގެ އިސް އޮފިޝަލަކު ރާއްޖެއެމްވީ. އަށް ވިދާޅުވީ އެ ތިން ބޭފުޅުންގެ ޕާސްޕޯޓު މިހާރު ވަނީ ދޫކޮށްލާފައި ކަމަށެވެ. އިމިގްރޭޝަނުން ބުނީ ނަސީމް، އަކްރަމް އަދި ސޮފްވާނަށް ރާއްޖެ އަންނަން ބޭނުން ކަމުގައި ވާނަމަ އެކަމުގެ ހުރަހެއް މިހާރު ނެތްކަމަށެވެ. އަދި އެގޮތަށް ނިންމާފައި ވަނީ ފަހުގެ ތާރީޚެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ.
" މިހާރު ޕާސްޕޯޓް ހިފަހައްޓާފައެއް ނުވޭ، ރާއްޖެ އަންނަން ބޭނުމިއްޔާ އަންނަން ވީ... ޕާސްޕޯޓް ކެންސަލް ކޮށްފައި ވުމުން ރާއްޖެ އާދެވޭނީ އެހުރި ގައުމެއްގެ އެމްބަސީ އަށް ގޮސް ޓްރެވެލް ޑޮކިއުމެންޓެއް ހަދައިގެން. ޑޮކިއުމެންޓް ހެދުމަށްފަހު ރާއްޖެ ވަޑައިގެންނެވޭނެ، ރާއްޖެ ވަޑައިގަތަސް އެބޭފުޅުންނާ ދެން އިތުރަށް ސުވާލެއް ނުކުރާނެ." އޮފިޝަލް ވިދާޅުވިއެވެ.
ރާއްޖެ އިން ބޭރުގައި ތިއްބެވި ސިޔާސީ ބޭފުޅުންގެ ޕާސްޕޯޓް ކެންސަލްކުރިކަން އަންގައި އިމިގްރޭޝަނުން މީގެ ކުރިން ނެރުނު ބަޔާނެއްގައި ވަނީ ކޯޓުގެ ހުކުމަކުން ނުވަތަ ތަހުގީގީ އިދާރާތަކުން ބޭނުންވެގެން ހޯދާ މީހުންނަކީ ދިވެހި ޕާސްޕޯޓް ބޭނުންކޮށްގެން ރާއްޖެ އިން ބޭރުގައި ތިބެވޭނެ ބައެއް ނޫން ކަމަށެވެ. އަދި އެފަދަ ބައެއް މީހުން ދިވެހި ޕާސްޕޯޓް ބޭނުންކޮށްގެން ބޭރުގައި ތިބުމުން ކޯޓުތަކަށާއި ތަހުގީގުތަކަށް ހުރަސް އެޅޭ ކަމަށް އެ ބަޔާނުގައިވެ އެވެ.
މި ތިން ބޭފުޅުންގެ ތެރެއިން ނަސީމު ފުލުހަށް ހާޒިރު ވުމަށް އެންގީ 13 އޯގަސްޓް 2016 ވަނަ ދުވަހުއެވެ. އަކްރަމް ފުލުހަށް ހާޒިރު ވުމަށް އަންގާފައި ވަނީ 4 އޯގަސްޓް 2016 ވަނަ ދުވަހުއެވެ. އަދި ސޮފްވާން ފުލުހަށް ހާޒިރުވުމަށް އަންގާފައި ވަނީ 2017 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. ފުލުހަށް ހާޒިރު ނު ވުމުން އެތިން ބޭފުޅުންގެ ވެސް ޕާސްޕޯޓް އެ ފަހަރު ވަނީ ކެންސަލް ކޮށްފައެވެ. އޭގެ ފަހުން އެތިން ބޭފުޅުން ވެސް ދިރިއުޅުއްވަމުން ގެންދަވަނީ ސްރީލަންކާގައެވެ.
މީގެ ކުރިން ފުލުހުން ވަނީ ސޮފްވާން ހޯދުމުގައި އިންޓަޕޯލްގެ އެހީ އަށް ވެސް އެދިފައެވެ. އެކަމަކު ސޮފްވާން ހޯދަން އިންޓަޕޯލުން ނޯޓިސްއެއް ނެރެފަ އެއް ނުވެއެވެ.
ޕާސްޕޯޓް ކެންސަލް ކޮށްފައިވާ ބައެއް ސިޔާސީ ބޭފުޅުން މިހާރު ވަނީ ރާއްޖެ ވަޑައިގެންފައެވެ.