ހައުސިންގ މިނިސްޓްރީ އިން އިވެންޓުތަކެއް ބާއްވަން އެއް ކުންފުންޏަކަށް 17 މިލިޔަން ރުފިޔާ ދީފައިވާ ލިޔުމެއް މީސްމީޑިޔާގައި ލީކުވެއްޖެއެވެ. މީސްމީޑިޔާގައި ލީކްކޮށްފައިވާ ލިޔުމުން އެނގޭ ގޮތުގައި އޮޓޯ ކްރިއޭޓިވް ކިޔާ ކުންފުންޏަކަށް ހައުސިންގ މިނިސްޓްރީ އިން 18 އިވެންޓެއް ބާއްވަން މި އަހަރު ދިން އިރު އޭގެ ޖުމްލަ އަގު 17.3 މިލިޔަން ރުފިޔާއަށް އަރައެވެ.
ސިނަމާލެ ބްރިޖް ހުޅުވުމުގެ އިވެންޓާއި ބްރިޖްގައި ބޭއްވި ކައިވެނި ހަފުލާތައް އޮޓޯ ކްރިއޭޓިވް އިން އިންތިޒާމްކުރި އިރު، އަދި ވެސް އެހެނިހެން ގިނަ އިވެންޓްތަކެއް ހައުސިންގ މިނިސްޓްރީ އިން އޮޓޯ ކްރިއޭޓިވް އާއި ހަވާލު ކޮށްފައިވާކަން މި ލިޔުމުން އެގެން އޮވެއެވެ.
ބޮޑު އަގެއްގައި 1.4 މިލިއަން ރުފިޔާއަށް ލ. އަތޮޅުގައި ބޭއްވި އިވެންޓަކާއި ނ، ރ، އަދި ޅ. އަތޮޅުގައި ބޭއްވި އިވެންޓްތަކަށް 1.6 މިލިއަން ހޭދަކޮށްފައިވާ ކަމަށްވާއިރު، މި އިވެންޓްތަކާއި ބެހޭ ތަފްސީލެއް އެގެންނެތެވެ.
މިކަމުގެ ތަފްސީލެއް ހޯދުމަށް ހައުސިންގ މިނިސްޓްރީގެ މީޑިޔާ އޮފިޝަލް އަހްމަދު ފަޒާލް އަށް ރާއްޖެ އެމްވީން ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ، ހައުސިންގ މިނިސްޓްރީގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.
ހައުސިންގ މިނިސްޓްރީ އިން ބިޑް ކުރުމެއް ނެތި ގިނަ އިވެންޓްތަކެއް ބޮޑު އަގުގައި އޮޓޯ ކްރިއޭޓިވް އާއި ހަވާލު ކޮށްފައިވާތީ، އިވެންޓް މެނޭޖްކުރުމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކުން ދަނީ މީސްމީޑިޔާގައި ހިތްހަމަނުޖެހުން ފާޅުކުރަމުންކަން ފާހަގަ ކޮށްލެވެއެވެ.