ރައްޔިތުންގެ މަޖިލީހުގެ އިތުރު މެމްބަރަކު ޕީޕީއެމުން ވަކިކުރިނަމަވެސް، ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލަ ވަކިގޮތަކަށް ނިމުމުގެ ކުރިން އެ މެމްބަރެއްގެ މެމްބަރުކަމުގެ ގޮނޑި ގެއްލުވާ ނުލައްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ހޯމަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ޕީޕީއެމް އިން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް އެޕާޓީން ކުއްލި ގޮތަކަށް ވަކިކުރަން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި ޕީޕީއެމްއާ ގުޅޭގޮތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ވަކިގޮތަކަށް ނިމެންދެން އެފަދަ މެމްބަރެއްގެ މެމްބަރުކަން ގެއްލުވާ ނުލައްވާނެ ކަމަށެވެ.
ޝަރީފް ވިދާޅުވީ ޕީޕީއެމްގެ ލީޑަރޝިޕްގެ ހާލަތަށް ބަލައި އަދި އިންތިޚާބާ ގުޅޭ ސުވާލުތަކެއް އުފެއްދުންފަދަ ކަންތައްތަކެއް ކުރުމުގެ އިތުރުން ވަކި ސިޔާސީ ބޭނުމެއްގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ ގޮނޑި ގެއްލުވާލުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވަން އުޅުއްވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
"ވަކި ސިޔާސީ ފިކުރެއްގެ ދަށުން ވަކި ނުފޫޒެއްގެ ދަށުން ވަކި ސިޔާސީ މަޤްސަދެއް ހާސިލްކުރުމަށްޓަކައި ޕާލަމެންޓުގެ ބައެއް މެމްބަރުން ވަކިކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުގެ ކަންތައްތަކެއް ހިނގާ ކަމުގެ މައުލޫމާތު ލިބިގެން ކޮމިޝަނުން މިހާރު ނިންމާފައިވަނީ ސިވިލްކޯޓުން ޕީޕީއެމްގެ ލީޑަރޝިޕާ ގުޅޭގޮތުން ވަކިގޮތެއް ނިންމަންދެން ޕާލަމެންޓް އެއްވެސް މެމްބަރަކު ވަކިކުރުމަށްޓަކައި ޕީޕީއެމުން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅިއަސް އަޅުގަނޑުމެން އެއަށް އިޖާބައެއް ނުދޭނޭކަމަށް އަޅުގަނޑުމެން މިވަނީ ނިންމާފައި" ޝަރީފް ވިދާޅުވިއެވެ.