ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) 75،000 ރުފިޔާއިން ޖޫރިމަނާ ކުރަން ނިންމައިފިއެވެ.
އިލެކްޝަންސް ކަމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އާދީއްތަ ދުވަހު ބޭއްވި އެކަމިޝަންގެ ބައްދަލުވުމުގައި ޕީޕީއެމް ޖޫރިމަނާ ކުރަން ފާސްކޮށްފައިވާ ކަމަށެވެ.
ޝަރީފް ވިދާޅުވީ ޕީޕީއެމް ޖޫރިމަނާ ކުރުމަށް ފާސްކޮށްފައިވަނީ އިލެކްޝަންސް ކަމިޝަންގެ މެމްބަރުންގެ ނަޒާހަތްތެރިކަން ގެއްލޭ ގޮތަށް އެއްވުން ތަކުގައި ވާހަކަ ދައްކަމުންދާތީކަމަށެވެ.
ރިޔާސީ އިންތިހާބުގެ ވޯޓު އޮޅުވާލި ކަމަށް ބުނެ ޕީޕީއެމުން ކުރާ މުޒާހަރާތަކާއި ދެކޮޅަށް ދައުވާކޮށް، އެ ވާހަކަތައް ގެނެސްދޭ ޗެނަލްތަކާމެދު ފިޔަވަޅު އަޅަން ކަމާބެހޭ ފަރާތްތަކަށް އިލެކްޝަންސް ކަމިޝަނުން ވަނީ ހުށައަޅާފައެވެ.
އަދި އެ ވާހަކަތައް ގެނެސްދޭ ޗެނަލްތަކާ މެދު ވެސް ފިޔަވަޅު އަޅައި ދިނުމަށް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އަށް ވެސް ވަނީ މައްސަލަ ހުށައަޅާފައެވެ.
ރިޔާސީ އިންތިހާބުގެ ނާކާމިޔާބީ ރައީސް އަބްދުﷲ ޔާމީން ގަބޫލުފުޅު ކުރެއްވުމަށް ފަހު، އިންތިހާބުގެ ނަތީޖާއާ ދެކޮޅަށް ސިލްސިލާ މުޒާހަރާތަކެއް ފެށުމަށް ގޮވާލެއްވީ ވެސް ރައީސް ޔާމީނެވެ. އެގޮތުން ކޮންމެ ދުވަހެއްގެ ރޭ ޕީޕީއެމްގެ އޮފީސް ކުރިމަތީގައި ކުރާ މުޒާހަރާތަކުގައި އީސީގެ މެމްބަރުންގެ ބޮލުގައި އިލްޒާމުތަކެއް އަޅުވައި ބޭއަދަބީ ބަސްތަކެއް އެބޭފުޅުންނަށް ދަނީ ރައްދު ކުރަމުންނެވެ.
"މުޒާހަރާގެ ނަމުގައި ނުވަތަ މައުލޫމާތުދޭ ސެޝަންތަކެއްގެ ނަމުގައިވީ ނަމަވެސް އެއްވުންތަކެއް ބާއްވަމުން ގޮސް ކޮމިޝަނުގެ މެންބަރުންނަށް އަމާޒުކޮށް އަދި ކޮމިޝަނުގެ މުޅި އިންޓަގްރިޓީ ގެއްލޭ ފަދަ ގޮތަކަށް އަމަލު ކުރުން ހުއްޓާލުމަށް އަޅުގަނޑުމެންވާނީ މީގެ ކުރިން އަންގާފައި. އަދި އެކަން ހުއްޓުވާލައިފި ކަމުގައިވާ ނަމަ ފިޔަވަޅު އަޅާނެ ކަމަށްވެސް ބަޔާންކޮށްފައިވާނެ." ޝަރީފު ވިދާޅުވިއެވެ.
ޝަރީފު ވިދާޅުވީ، އިންތިހާބާއި ގުޅިގެން އެއްވެސް އިރެއްގައި އެއްވެސް ބަޔަކަށް އިންތިހާބުގެ ތެރެއިން ފައިދާތަކެއް ނުވަތަ ގެއްލުންތަކެއް ލިބޭނެ ފަދަ ގޮތަކަށް ކަންކަންކޮށްފައިނުވާނެ ކަމަށެވެ. އިންތިހާބުގެ ހުރިހާ ކަމެއްވެސް ކޮށްފައިވަނީ ގާނޫނީ އިމުގެ ތެރެއިން ކޮމިޝަނުގެ ހުރިހާ މެންބަރުންގެ މަޝްވަރާއާއި އެކު ކަމަށެވެ.