ރިޔާސީ އިންތިހާބުގެ ވޯޓް ކަރުދާސް ޕްރިންޓް ކުރަން އެމްސެވަން އަށް ދިން ހިސާބުން އިންތިހާބު ބާތިލް ކުރަން ޖެހޭ ކަމަށާއި ރައީސް އަބްދުﷲ ޔާމީންގެ ހިއްސާ އޮންނަ ކުންފުންޏަކަށް އެ މަސައްކަތް ނުދިނީ ކީއްވެތޯ ވިދާޅުވެ، ވަކީލުންގެ ޓީމުން ޝަރީއަތުގައި ސުވާލު އުފެއްދި ކަމަށް، އެ މައްސަލައިގައި އިލެކްޝަންސް ކޮމިޝަން ތަމްސީލުކުރެއްވި ގާނޫނީ ވަކީލު ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
އެމް7 ޕްރިންޓަރސް އަކީ ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހިމްގެ ދެ ބޭފުޅެއްގެ ހިއްސާ އޮންނަ ކުންފުންޏަކަށް ވާއިރު، އެ ކުންފުންޏަށް ވޯޓް ކަރުދާސް ޗާޕްކުރަން ދިން ދިނުމާމެދު، އިންތިޚާބުން ނާކާމިޔާބު ވުމަށް ފަހު ޕީޕީއެމް އިން ގެންދަނީ ސުވާލު އުފައްދަމުންނެވެ.
ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ޝަމީމް ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވިދާޅުވީ ރައީސް ޔާމީން ހިއްސާވާ ކުންފުންޏަކަށް ވޯޓް ކަރުދާސް ޕްރިންޓް ކުރަން ހަވާލު ނުކުރީ ކީއްވެގެންތޯ ވިދާޅުވެ އެމަނިކުފާނުގެ ފަރާތުން ޝަރީއަތުގައި ސުވާލު އުފައްދަވާފައިވާ ކަމަށެވެ.
"ރައީސް ޔާމީންގެ ވަކީލް ސަލީމް އުފެއްދެވި ސުވާލަކީ، (ސަލީމް ވިދާޅުވީ ރައީސް ޔާމީން އެ ސުވާލު އުފެއްދެވި ކަމަށް) ކީއްވެހޭ ރައީސް ޔާމީން ހިއްސާވާ ކުންފުންޏަކަށް އެ މަސައްކަތް ހަވާލު ނުކުރީ؟ އަޅުގަނޑު އެ ސުވާލަށް ޖަވާބު އެރުވިން. އަޅުގަނޑު ދެންނެވިން ވަރަށް ދެރައޭ، ރައީސް ޔާމީންއަކީ ރައީސުލް ޖުމްހޫރިއްޔާއޭ ރައީސް އަކީ ވިޔަފާރި ކުރުން ހުއްދަ ނޫން މީހެއް ކަމަށް ޤާނޫނުގައި ކަނޑައަޅާފައި އޮވެއޭ، އެހެންވީމަ ރައީސް ޔާމީން ހިއްސާވާ ކުންފުންޏެއް ނޯންނާނޭ، އެހެންކަމުން ރައީސް ޔާމީން ހިއްސާވާ ކުންފުންޏަށް މަސައްކަތް ދެވޭނެ ގޮތެއްވެސް ނޯންނާނޭ" ޝަމީމް ވިދާޅުވިއެވެ.
ޝަމީމް އިތުރަށް ވިދާޅުވީ ވޯޓް ކަރުދާހުގައި ފާހަގަ ފޮހެވޭ ވާހަކަ ސާމަސާއަކަށް ހަދައިގެން މިހާރު ގިނަ މީހުން ދެއްކިޔަސް އެކަމަކީ ރައީސް ޔާމީންގެ ޕަރާތްފުޅުން ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި ހުށަހެޅުއްވި ކަމެއް ކަމަށެވެ. އަދި އެއްވެސް ތާކުންތާކު ޖެހޭ ވާހަކައެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
"ކެމިކަލް ހޭކީމާ ފޭދިގެން ގޮސް ފާހަގަ ތިރިއަށް ވެއްޓެނީއޭ އެއީ ހަމަ ދެއްކެވި ވާހަކައެއް، އެއީ އެއްގޮތަކަށް ވެސް މީހުން ހަދައިގެން ކިޔާ ވާހަކައެއް ނޫން، އޭގެ އިތުރުން އެބޭފުޅުން ވިދާޅުވަނީ ދުނިޔޭގެ ޤައުމުތަކުގެ ދެ ގޮތަކަށް ވޯޓު އޮޅުވާލައޭ ދިރާސާތަކުން ދައްކައޭ، އަޅުގަނޑުމެން ދެންނެވިން ތިކުރެއްވި ދިރާސާއެއް ދައްކަބަލާށޭ. އެބޭފުޅުންނަށް އެއެއް ނުދެއްކެވޭ، އެ ދެ ގޮތަކީ ފުރަތަމަ ގެންގުޅެނީ ދެލި ފޭދޭ ގަލަމެކޭ، ދެލި ފޭދިގެން ދިޔާމަ ވޯޓު ކަރުދާސް ގުނާ ގަޑީގައި އެތާނގައި ހުންނަ މީހަކު އަތުގައި އަޅާފައި އިންނަ އަނގޮޓިއަކުންނޭ ފާހަގަ މި ޖަހަނީ، ދެން މިއީ އެބޭފުޅުން މައިގަނޑު ގޮތެއްގައި ކަން ހިނގި ކަމަށް ވިދާޅުވީ ގޮތަކީ" ޝަމީމް ވިދާޅުވިއެވެ.
އެހެން ވިދާޅުވި ނަމަވެސް ދެލި ފޮހެވޭ ގަލަމެއްގެ ޝަކުވާ އެއްވެސް ބޭފުޅަކު ހުށަހަޅާފައިނުވާ ކަމަށާއި ދެލި ފޮވެހޭ ގަލުމުގެ ވާހަކަ ދެއްކޭތީ ރައްޔިތުން ވޯޓްލާން ދާއިރު އަމިއްލައަށް އިތުބާރު ހިފޭ ގަލަމެއް ގެންދިއުމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރި ކަމަށް ވެސް ޝަމީމް ވިދާޅުވިއެވެ.
ޤާނޫނީ ގޮތުން އިންތިހާބު ބާތިލް ކުރުމަށްޓަކައި އޮތް ހުރިހާ ދޮރެއް ބަންދުވެއްޖެ ކަމަށާއި އެކަމެއް ދެނެއް ނުކުރެއްވޭނެ ކަމަށް ޝަމީމްގެ ވާހަކަފުޅުގައި ވަނީ ފާހަގަކޮށްފައެވެ.