ރަނގަޅަށް ކަމެއް ކުރާކަމުގައި ވާނަމަ ޕީޕީއެމް އުވާލުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށައެޅުމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް، ޕީޕީއެމްގެ ކައުންސިލަށް ގޮވާލައްވައިފި އެވެ.
ޕީޕީއެމްގެ ކައުންސިލްގެ ވައިބަރ ގުރޫޕްގެ ޗެޓް ލޮގެއް ލީކްވެފައިވާއިިރު، އެ ވައިބަރ ގުރޫޕްގައި ރައީސް އަބްދުﷲ ޔާމީން ވަނީ އެއްވެސް ބޭފުޅަކު މާޔޫސްނުވާން ވިދާޅުވެފަ އެވެ.
އޭގެ ކުޑަވަގުތުކޮޅެއް ފަހުން ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕްގެ ނާއިބް ލީޑަރުކަން ވެސް ކުރައްވާ ފަލާހް ގުރޫޕްގައި ލިޔުއްވީ ކަމެއް ރަނގަޅަށް ކުރާނަމަ މިރޭ ޕީޕީއެމްގެ ކައުންސިލް ކުއްލި ބައްދަލުވުމެއް ބާއްވައި ޕީޕީއެމް އުވާލަން މާދަމާ އިލެކްޝަން ކޮމިޝަނަށް ހުށަހަޅަން ނިންމެވީ ކަމަށެވެ. ފަލާހް އެގޮތަށް ވިދާޅުވުމުން ރައީސް ޔާމީން ވަނީ "ފަލާހް، ވަޓް؟" ވިދާޅުވެ އެއަށް ޖަވާބު ކުރައްވާފަ އެވެ. ނަމަވެސް ރައީސް ޔާމީނަށް ފަލާހް އިތުރަށް ޖަވާބު ދެއްވާފައެއް ނުވެ އެވެ.
އެ ވައިބާ ގްރޫޕުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ސުޕްރީމް ކޯޓުގެ މިއަދުގެ ހުކުމަކުން ޖިނާއީ ތަހުގީގަށް އޮތް ފުރުސަތު ބަންދު ނުވާ ކަމަށެވެ. އަދި އިންތިހާބާ ބެހޭ މައްސަލަތައް ޕާޓީގެ ފަރާތުން ފުލުހުންނަށް ހުށަހަޅާނެ ކަމަށް ވެސް އޭނާގެ މެސެޖުގައި ވިދާޅުވިއެވެ.
ސައީދުގެ ވާހަކައަށް ޕީޕީއެމް ޕީޖީ ގްރޫޕުގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކު ވަނީ ތާއިދުކުރައްވައިފައެވެ.
އާންމުވެފައިވާ ވައިބަރ ގުރޫޕްގެ ޗެޓް ލޮގަކީ ސައްހަ ޗެޓް ލޮގެއްކަން ދޭހަވާފަދަ ގޮތަކަށް ޕީޕީއެމްގެ ނާއިބް ލީޑަރު އަބްދުުއްރަހީމް އަބްދުﷲ ވަނީ މީޑިއާ އަށް މައުލޫމާތު ދެއްވާފަ އެވެ. އަދި ފަލާހް ވެސް ވަނީ އެ ޗެޓް ލޮގްގައިވާ ވާހަކައަކީ އޭނާ ލިޔުއްވި ވާހަކައެއްކަމަށް ވިދާޅުވެފަ އެވެ.