ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، ވިޔަފާރިވެރިންގެ އަތުން ނަގާ ފައިސާ ބަރަބާރަށް ލިބިވަޑައިގަންނަވާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވި ކަމަށާއި، އެމްއެމްޕީއާރުސީގެ ވައްކަން ވެސް ހިންގީ ރައީސް ޔާމީންގެ ބައިވެރިވުމާއެކުގައި ކަމަށް އެ މަނިކުފާނުގެ ގާތް އެކުވެރިއެއްގެ ގޮތުގައި މަސައްކަތްކުރެއްވި ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ފަންސަވީސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވަނިކޮށް، އިނގިރޭސި ވިލާތުން ހިމާޔަތް ހޯއްދަވާފައިވާ ނާޒިމް އެކަން ހާމަކުރެއްވީ ރައީސް އަބްދުﷲ ޔާމީނާއި، އެމްއެމްޕީއާރުސީގެ ހިޔާނާތާ އޮތް ގުޅުން ހާމަކޮށް ނެރުއްވި ހަތަރު ސަފުހާގެ ބަޔާނެއްގަ އެވެ.
ނާޒިމްގެ ބަޔާނުގައި ވިދާޅުވެފައި ވަނީ 2014 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 28 ވަނަ ދުވަހު ރައީސް އަބްދުﷲ ޔާމީނާއި ބައްދަލުކުރެއްވި ކަމަށާއި އެ ބައްދަލުވުމުގައި އަދީބު، އެކި ތަންތަނުންނާއި ވިޔަފާރިވެރިނާއި، މީސް މީހުންގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގަމުންދަނީ ރައީސް ޔާމީނަށް އެނގިވަޑައިގެންތޯ ސުވާލުކުރެއްވި ކަމަށެވެ. އެފައިސާ ރައީސް ޔާމީނަށް ބަރާބަރަށް ހަމައަށް ލިބޭތޯ ސުވާލުކުރެއްވި ކަމަށް ނާޒިމް ވިދާޅުވި އެވެ.
އަދީބު އެގޮތަށް ނަގާ ފައިސާ ހަމައަށް ލިބޭ ކަމަށާއި، ވިޔަފާރިވެރިންގެ އަތުން ނަގާ ފައިސާވެސް ބަރާބަރަށް ލިބޭ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދީބަށް ފައިސާ ލިބިވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި ރާއްޖޭގެ އެންމެ ވަރުގަދަ ހަތަރު ވިޔަފާރިވެރިން ހިމެނޭ ކަމަށް ރައީސް ވިދާޅުވި ކަމުގައި ނާޒިމުގެ ބަޔާނުގައި ފާހަގަކުރައްވާފައިވެ އެވެ. ނަމަވެސް ބަޔާނުގައި ހާމަކުރައްވާފައި ވަނީ ތިން ބޭފުޅެއްގެ ނަމެވެ.
ރައީސް ޔާމީނާއެކު ބޭއްވި ބައްދަލުވުމުގައި އެމްޕީއެލްއަށް ޑޮލަރު ގަތުމުގެ ނަމުގައި އެމްއެމްޕީއާރުސީން ހިންގި ވައްކަމާއި ގުޅޭ ގޮތުންވެސް ރައީސް ޔާމީނާ ސުވާލު ކުރެއްވި ކަމަށް ނާޒިމް ވިދާޅުވިި އެވެ. އެގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑްއިން އަދީބު 5 މިލިއަން ޑޮލަރަށްވާ، 77.1 މިލިއަން ރުފިޔާ ނަންގަވައިފި" ކަމަށާއި، އެފައިސާގެ ތެރެއިން ބައެއް، ނުވަތަ ޖުމްލަ "77.1 މިލިއަން ރުފިޔާ، ރައީސް ޔާމީނުއަށް ލިބިވަޑައިގަތްތޯ" ސުވާލުކުރެއްވިކަމަށް ނާޒިމް ވިދާޅުވި އެވެ. އެސްފިޔަވެސް ޖެހިލުމެއްނެތި، ރައީސް ޔާމީނު އެކަމަށް އިންކާރުކުރައްވާ، އެމްޕީއެލް އާއި ގުޅުންހުރި އެއްވެސް ފައިސާއެއް ލިބިވަޑައިނުގަންނަވާ ކަމަށް ވިދާޅުވިކަމަށް ނާޒިމުގެ ބަޔާނުގައިވެ އެވެ.
"ފައިސާ ލިބޭނެ ގޮތް ހަމަޖައްސާ، އަދި އެފައިސާ ހަމަޖެހުމުން އަދީބު ފޮނުއްވާކަމަށާ، އަދީބު ކަލެކްޓްކުރާ ހުރިހާ ފައިސާއެއް ޔާމީނުއަށް ލިބޭކަމަށް ހަމަދެންމެ ވިދާޅުވީމު ނޫންތޯ" ސުވާލުކުރުމުން ރައީސް ޔާމީނުގެ މޫނުފުޅުގެ ކުލަވަރު ބަދަލުވެ، އެމަނިކުފާނު ވިދާޅުވި ބަސް ދިފާޢުކުރައްވަން ފެއްޓެވިކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި ވަރަށް ދިފާޢީ ރާގެއްގައި، "100 ޕަސެންޓް ސަރުކާރުގެ ޙިއްސާ އޮންނަ ކުންފުންޏަކުން އަދީބު ފައިސާ ނަގާނީ ކިހިނެތް؟ އެކަމެއް ނުކުރެވޭނެއެއްނު!" މިހެން ވިދާޅުވެ ވާހަކަތަކަށް ސާފު ޖަވާބެއް ނުދެއްވާ، އެކަމަކު ހިތްހަމަނުޖެހުމާއެކު އެވާހަކަ ދިފާޢުކުރައްވަން ފެއްޓެވިކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ 5 މިލިއަން ޑޮލަރުން ފެށިފައި އޮތް ޚިޔާނާތެއް، 18 މަސްފަހުން މުޅި ޤައުމަށް ހާމަވެގެންދިޔައިރު 80 މިލިއަން ޑޮލަރަށްވުރެ މަތިވެ، އެމްއެމްޕީއާރުސީގެ ތެރެއިން މުޅި ދަޢުލަތް ލޫޓުވާލީ ސީދާ ރައީސް ޔާމީނުއަށް އެކަމުގެ ހުރިހާ ހަޤީޤަތްތަކެއް އެނގިހާމަވެ، އެކަމަށް ވާގިވެރިވާ ޙާލުގައި ހުންނަވައިގެންކަމަށެވެ. އަދި ރައީސް ޔާމީނު އަޑުފުޅަށް ކިތަންމެ ބާރެއްލައްވާފައި، އެމްއެމްޕީއާރުސީގެ ޚިޔާނާތް، މިހާރު ހުރަގޭގައި ބަންދުކޮށްފައިވާ އަޙުމަދު އަދީބު އާއި ހަމައިން ނިމޭކަމަށް ވިދާޅުވިޔަސް، އެ ބޮޑު ޚިޔާނާތުގެ ހުރިހާ ހިސާބެއްގައިވެސް އޮތީ ރައީސް ޔާމީނުގެ ބައިވެރިވުމާއި، އެ ޚިޔާނާތުގެ އެންމެހާ ބޮޅުތައް އެމަނިކުފާނަށް ފަސޭޙަވާނެ އުޞޫލަކުން ތަރުތީބުކޮށް އަތުރާލެއްވި ގޮތަށްކަމަށް ނާޒިމް ވިދާޅުވި އެވެ.
ނާޒިމު މިފަދަ ތުހްމަތުތަކެއް ކުރެއްވި ނަމަވެސް، މީގެ ކުރިން މި ތުހްމަތުތައް ރައީސް ޔާމީން ވަނީ ދޮގުކުރައްވައިފަ އެވެ.