ރައީސް އަބްދުﷲ ޔާމީން ރާއްޖޭގައި ބަންދުކޮށްގެން އެމަނިކުފާނާމެދު ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އަނެއްކާވެސް ގޮވާލައްވައިފިއެވެ.
ރިޔާސީ އިންތިހާބު ބާތިލް ކުރަންޖެހޭ އެއްވެސް އަސާސެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ނިންމުމާ ގުޅިގެން ސުޕްރީމް ކޯޓު ސަރަހައްދުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން، އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފު ވިދާޅުވީ، މިއީ މައްސަލައެއް އޮތް މައްސަލައެއް ނޫން ކަމަށާއި އެހެން ނަމަވެސް މިހާރުވެސް ރައީސް ޔާމީންގެ މައްޗަށް ތުހުމަތުކުރެވޭ ކޮރަޕްޝަނާ ވައްކަމުގެ ގިނަ މައްސަލަތަކެއް އެބަހުރިކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ކަމުން ރައީސް ޔާމީންގެ ހައްޔަރުކޮށްގެންވެސް އެމައްސަލަތައް ބަލަންޖެހޭ ކަމަށް ހަސަން ވިދާޅުވި އެވެ. އަދި ރައީސް ޔާމީންގެ ދައުރުގައި އެމަނިކުފާނު ފުރާވަޑައިގެންފި ކަމުގައިވާ ނަމަ، އެމަނިކުފާނު ފުރާވަޑައިގަތުމުގައި އެހީތެރިވެދިން ފަރާތްތަކާމެދުވެސް ފިޔަވަޅު އެޅިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ މައްސަލައެއް އޮތް ކަމެއް ނޫން. ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ބޮޑެތި ތުހުމަތުތައް އެބަހުރި. ވައްކަމާ ކޮރަޕްޝަނާ މަނީ ލޯންޑަރިންގެ މައްސަލަތައް. އެމައްސަލަތައް މިހާރުން މިހާރަށް ތަހުގީގު ކުރަންޖެހޭ. އެ މައްސަލައިގެ ތަހުގީގަށް ރައީސް ޔާމީނަށް ރާއްޖެއިން ބޭރަށް ވަޑައިނުގަންނެވޭނެ ގޮތަށް ރާއްޖޭގައި ބަންދުކޮށްފައި ބެހެއްޓުމަކީ ވަރަށް މުހިއްމު ކަމެއް." ހަސަން ލަތިފު ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ތަދައްހުލުވި ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހިސާން ހުސައިން ވިދާޅުވީ، ރިޔާސީ އިންތިހާބު ބާތިލް ކުރުމަށް ރައީސް އަބްދުﷲ ޔާމީންގެ ފަރާތުން ހުށަހެޅި މައްސަލައިގައި ބަތިލް ކުރަންޖެހޭ އެއްވެސް ކަމެއް ހިނގާފައިވާކަން ނުވަތަ ހިނގާފައިވާނެ ކަން ވެސް ސާބިތުކޮށް ނުދޭ ކަމަށެވެ. މި މައްސަލައިގައި އެއްވެސް ހެއްކެއް ވެސް ގަރީނާއެއްވެސް ހުށަހެޅިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"މި މައްސަލައިގައި ރައީސް ޔާމީންގެ ފަރާތުން ކުރެއްވި ޝަކުވާތައް ސާބިތުކޮށްދޭނެ ހެއްކާ ގަރީނާއެއް ހުށަހަޅާފައެއް ނުވޭ. އެޝަކުވާތަކާ ގުޅިގެން މި އިންތިހާބުގެ ނަތީޖާއަށް ބަދަލެއް އަންނަ ޒާތުގެ އެއްވެސްކަމެއް ހިނގާފަ ވާކަމަށް ނުވަތަ ހިނގާފާނެ ކަން ވެސް ސާބިތުކޮށްދެވިފަ ނުވާކަމަށް." ހިސާން ވިދާޅުވިއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވީ މި މައްސަލައަކީ ވަރަށް ސާފުކޮށް ދުވާލުގެ މެންދުރުގެ އިރު ފަދައިން ވަރަށް ސާދު މައްސަލައެއް ކަމަށެވެ. މިބާވަތުގެ ތާކުން ތާކުން ނުޖެހޭ މައްސަލަތައް ރާއްޖޭގެ އެންމެ މަތީ ކޯޓަށް ހުށަހަޅައިގެން ވަގުތު ނަގާލުމަކީ ހިތާމަކުރާކަމެއް ކަމަށެވެ.