އިންތިޚާބު ބާތިލް ކުރަން ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ހުށައެޅި މައްސަލައިގެ ހުކުމް ކުރުމަށް ތާވަލް ކުރުމާއެކު ކޯޓު ކައިރީގައި ކިޔޫ ހަދައިފި އެވެ.
ސުޕްރީމް ކޯޓުގެ ހުކުމް ތާވަލް ކޮށްފައިވަނީ މިއަދު 13:00 އަށެވެ.
މިމައްސަލައިގެ އަޑުއެހުމަށް ވަނުމަށް އެތައް ބަޔަކު ކިއުގައި ވަނީ ޖެހިފަ އެވެ. ކޮންމެ ދުވަހަކު ސުޕްރީމް ކޯޓުގެ އަޑުއެހުމަށް ވައްދަނީ ގާތްގަނޑަކަށް 30 ވަރަކަށް މީހުންނަށެވެ. އަދި ދިހަ ވަރަކަށް ނޫސްވެރިންނެވެ.
ރިޔާސީ އިންތިޚާބު ބާތިލް ކުރުމާ ގުޅޭ ގޮތުން ހުށަހެޅި މައްސަލައިގައި އެންމެ ފަހު އަޑުއެހުން ބޭއްވީ މިދިޔަ އަންގާރަ ދުވަހުއެވެ.
އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި 11 ކަމެއް ބަލައި ދިނުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި އެދުނެވެ. އޭގެތެރޭގައި އިންތިހާބުގެ ނަތީޖާއަށް އަސަރެއް ފޯރާފަދަ އެއްވެސް ކަމެއް ހުށަހެޅިފައެއް ނުވެއެވެ. މުޅިން ވެސް ހުރީ ޝައްކުތަކެކެވެ. އޭގެތެރޭގައި ވޯޓު ކަރުދާހުގައި ކެމިކަލެއް ބޭނުންކޮށްފައިވޭތޯއާއި، ދެލި ފުހެވޭ ގަލަން ބޭނުން ކުރިތޯ އާއި، ހާއްސަ އަނގޮޓިއެއް ބޭނުން ކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތަަކެއް ހިމެނެއެވެ. ނަމަވެސް އެ ހެކި ބަލައި ނުގަންނަން ސުޕްރީމް ކޯޓުން ވަނީ ނިންމާފައެވެ.
މިމައްސަލައިގެ ހުކުމް ކުރުން މިއަދަށް ތާވަލްކޮށްފައިވާއިރު އެންމެ ފަހުން ބޭއްވި އަޑުއެހުން ނިންމާލާފައިވަނީ ސާފު ކުރަން ޖެހޭކަމެއް ނެތްނަމަ ދެން އޮންނާނީ އެ މައްސަލައިގައި ހުކުމް އިއްވުން ކަމަށެވެ.