ރައީސް އަބްދުﷲ ޔާމީން ފޭއްސި އިލޮށިގަނޑު އެވަނީ އެމަނިކުފާނުގެ ލޯފުޅަށް ހެރިފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގައި ތަމްސީލުކުރައްވަމުން ގެންދަވަނިކޮށް، ރައީސް ޔާމީނަށް ތާއިދުކުރުން ހުއްޓާލުމުން ޕާޓީން ވަކިކޮށް ގާނޫނު އަސާސީއާ ޚިލާފަށް މެމްބަރުކަން ގެއްލުވާލާފައިވާ މުހައްމަދު އަބްދުﷲ (މުހައްމާ) ހޮނިހިރު ދުވަހުގެ ރޭ ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވިދާޅުވީ ރައީސް ޔާމީނަށް މީހުން ދަސްނުވިކަމަށް އެމަނިކުފާނު ވިދާޅުވި ކަމަށް އެމަނިކުފާނު ވިދާޅުވި ވާހަކަފުޚުން ވަރަށް ގިނަ ވާހަކަތައް ސިފަވާ ކަމަށާއި އެމަނިކުފާނަށް އެވިދާޅުވެވުނީ ވަރަށް ގިނަ ވާހަކަ ކަމަށެވެ.

ކުރިން ފިލްމީ ދާއިރާގައި މަސައްކަތް ކުރެއްވި މުހައްމަދު ޢަބްދުﷲ ވިދާޅުވީ ހަޤީގަތުގައި ރައްޔިތުންނަށް އެމަނިކުފާނު ވަރަށް ރަނގަޅަށް ދަސްވި ކަމަށާއި އެމަނިކުފާނަށް ރައްޔިތުން ދަސްނުވުމަކީ އެމަނިކުފާނުގެ ނުކުޅެދުންތެރިކަން ކަމަށެވެ. ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ނުވީވެސް އެހެންވެގެން ކަމަށް އޭނާ ވިދާޅުވި އެވެ.
މުހައްމަދު ޢަބްދުﷲ ވިދާޅުވީ ނުކުޅެދުންތެރިކަމެއް ހުރުމުންކަމަށް ވިއަސް އަދި ކޮންމެ ސިފަތަކެއް ހުރެގެންކަމަށް ވިއަސް ރައްޔިތުން އެމަނިކުފާނަށް މިފަހަރުގެ އިންތިޚާބުގައި ނޫނެކޭ ބުނެފައި މިވަނީ އެމަނިކުފާނު ދަސްވިލެއް ބޮޑުކަމުން ކަމަށެވެ.
ކައިރީގައި ތިއްބެވި ބޭފުޅުންނަކީ އަބަދު ވިދާޅުވާ ގޮތަށް ޖަރީމާ ހިންގާނެ ބައެއް ކަމަށް އެމަނިކުފާނަށް ހީފުޅުކުރެއްވުނީ ކަމަށާއި ކޮންމެ ގޮތަކުންވެސް އިންތިޚާބު ކާމިޔާބު ކުރެއްވޭނޭ ކަމަށް ރައީސް ޔާމީނަށް ހީފުޅުވީކަމަށް މުހައްމަދު ޢަބްދުﷲ ވިދާޅުވިއެވެ.
" ކައިރީގައި ތިއްބެވި ބޭފުޅުންނަށް އެމަނިކުފާނު އިތުބާރު ކުރައްވައި އެމަނިކުފާނަށް ހީފުޅު ކުރެއްވީ ކަންނޭނގެ ކޮންމެ ގޮތެއް ހަދައިގެންވެސް މިކަން ކާމިޔާބު ވާނެޔޭ. ބައެއް ބޭފުޅުން އޭރުވެސް ވިދާޅުވޭ އިންތިޚާބު ކުރިން ޔާމީނޭ ހުވާ ކުރާނީ. އަޅުގަނޑު ހިތަށް އަރާ ހާދަބޮޑު ޤާނޫނީ ކުށެއް، ހާދަބޮޑު ވާހަކައެކޭ އެވިދާޅުވަނީ. އިންތިޚާބުން ކާމިޔާބު ކުރާނީ އިބްރާހީމް މުހައްމަދު ސޯލިހްއޭ. އެކަމަކު ހުވާކުރާނީ ޔާމިންއޭ. މީ ކިހާވަރެއްގެ ވާހަކައެއްތޯ ވިސްނާލިއިރު މިހާރު މިޖަހާ ސަކަރާތުން އެކަން އެބަ އިހްސާސް ކުރެވޭ. އެއީ ކަންނޭނގެ އެބުނާ ނުކުޅެދުންތެރިކަމަކީ. މިއީ އަޅުގަނޑު ޤަބޫލު ކުރާގޮތުގައި އެމަނިކުފާނަށް ރައްޔިތުން ދަސްނުވި ސަބަބަކީ" މުހައްމަދު އަބްދުﷲ ވިދާޅުވިއެވެ.
މުހައްމަދު ޢަބްދުﷲ ވިދާޅުވި ގޮތުގައި އަބަދުވެސް މިކިޔާ ޖަރީމާ ހިންގައިދީ މަކަރާ ހީލަތުން ކަންކަން ކޮށްދެއްވާނެ ކަމަށް ވެރިކަމުގައި ތިއްބެވި ބޭފުޅުންނަށް ހީފުޅުވެފައި އޮތް ކަމަށެވެ. އަދި ނިމިދިޔަ އިންތިޚާބުންވެސް ކަންކަން ވެގެން އެދިޔައީ އެހެންކަމަށް އޭނާ ވިދާޅުވިއެވެ.
" ރައީސް ޔާމީން ފޭއްސި އިލޮށިގަނޑު އެމަނިކުފާނު ލޮލަށް އެހެރުނީ" މުހައްމަދު ޢަބްދުﷲ ވިދާޅުވިއެވެ.