ރައީސް އަބްދުﷲ ޔާމީން ހައްޔަރު ކުރަން ސައްހަ ނޫން ކޯޓު އަމުރެއް ނެރުނު ކަމަށް ބުނާ މައްސަލާގައި ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒު މުހުސިން އާއި އދ. މާމިގިލި މެޖިސްޓްރޭޓް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ނިހާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތުގެ އަޑުއެހުންތަކެއް ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފި އެވެ.
މުހުތާޒުގެ މައްޗަށް ކުރާ ދެ ދައުވާ އަކާއި ނިހާނުގެ މައްޗަށްކުރާ ތިން ދައުވާއެއް ޝަރީއަތުގެ އަޑުއެހުންތައް ތާވަލް ކޮށްފައިވަނީ އާދީއްތަ ދުވަހުގެ 11:30 އަށެވެ.
މިމަހުގެ 14 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ވަނީ އެ ދައުވާތަކާއި ގުޅިގެން، ޝަރީއަތް ނިމެންދެން މުހުތާޒު އާއި ނިހާނު ޖަލުގައި ބަނދުގައި ބޭތިއްބުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުތައް ވަނީ ބާތިލް ކޮށްފަ އެވެ.
މުހުތާޒު މުހުސިނު އާއި ނިހާނުގެ މައްޗަށް، ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކުރުމަށް ނެރެފައިވާ އަމުރު ބާތިލް ކުރިނަމަ ވެސް އެ ދެ ބޭފުޅުންގެ މައްޗަށް އެ މައްސަލާގައި ދައުވާކުރި ޓެރަރިޒަމްގެ ދައުވާ އާއި ގުޅިގެން ކްރިމިނަލް ކޯޓުން އިއްވި ޖަލު ހުކުމާއި ގުޅިގެން އެ ދެ ބޭފުޅުން ތިއްބަވަން ޖެހިވަޑއިގެންފައި ވަނީ ޖަލުގަ އެވެ.
ރައީސް ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ކޯޓު އަމުރެއް ނެރުނު ކަމަށް ބުނާ މައްސަލާގައި މުހުތާޒު އާއި ނިހާނުގެ މައްޗަށް ޓެރެރިޒަމްގެ ދައުވާއެއް ވެސް ކޮށްފައި ވެއެވެ. އަދި އެމައްސަލަ ނިންމައި ކްރިމިނަލް ކޯޓުން ވަނީ 17 އަހަރު ދުވަހުގެ ޖަލު ހުކުމެއް އެ ދެ ބޭފުޅުންގެ މައްޗަށް އިއްވާފަ އެވެ.
މިހާރު ކްރިމިނަލް ކޯޓުގައި މުހުތާޒު އާއި ނިހާނުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހިންގާ ޝަރީއަތް ތަކަކީ "ވަކި އަސްލެއް އޮތް އެއްޗެއް ކަމުގައި ސައްހަ ނޫން ގޮތެއްގައި ދެއްކުމަށްޓަކައި ލިޔުމެއް އުފެއްދުން" ކުށުގެ ދައުވާ އެއް މުހުތާޒު އާއި ނިހާނުގެ މައްޗަށް ކޮށްފައިވާ ދައުވާއާއި، "ވަކި އުސޫލަކުން ދޫކޮށްފައިވާ ލިޔުމެއް ކަމުގައި ސައްހަ ނޫން ގޮތުގައި ދެއްކުން" ކުށުގެ ދައުވާ މުހުތާޒުގެ މައްޗަށް ކޮށްފައިވާ ދައުވާ އެވެ.
އިތުރަށް ނިހާނުގެ މައްޗަށް ކޮށްފައިވާ ދެ ދައުވާއަަކީ "ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުން" ކުށުގެ ދައުވާ އާއި "ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެން ނުވާ އަމަލެއް ހިންގުން" ކަމަށް ބުނާ ދައުވާ އެވެ.
މުހުތާޒު އާއި ނިހާނުގެ މައްޗަށް މިހާތަނަށް ހުކުމް ކޮށްފައި ވަނީ ހަމައެކަނި ޓެރަރިޒަމުގެ ދައުވާގަ އެެވެ. އެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި މި ދެ ބޭފުޅުން 17 އަހަރަށް ޖަލަށް ލުމަށް 2016 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
އެންމެފަހުން ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އެ ދެ ބޭފުޅުންގެ މައްޗަށް ކުރާ އެ ފަސް ދައުވާ އާއި ގުޅިގެން، ކްރިމިނަލް ކޯޓުން ގޮތެއް ނިންމަންދެން އެ ދެ ބޭފުޅުން ބަންދުގައި ބޭތިއްބުމަށް މީގެކުރިން އެކޯޓުން ނެރެފައިވާ އަމުރުތައް ބާތިލު ކުރުމަށް ދައުލަތުން ވެސް އެދިފައިވާއިރު، ކްރިމިނަލް ކޯޓުގައި އެ ދެ ބޭފުޅުންގެ މައްޗަށް މިހާރު ކުރިއަށްދާ ދައުވާތަކަކީ އެންމެ ރަނގަޅު ދައުވާތަކެއް ނޫން ކަމަށް ދައުލަތުގެ ގާނޫނީ ވަކީލުން ވަނީ އެއްބަސްވެ، އެ ދައުވާތަކަށް އަވަސް ހުކުމެއް އިއްވައި ދިނުމަށް ވެސް އެދިފަ އެވެ.
ނަމަވެސް މުހުތާޒާއި ނިހާނުގެ ބަންދުގެ މުއްދަތުތައް ކްރިމިނަލް ކޯޓުން ބާތިލު ކުރި ނަމަވެސް ދައުވާތަކެއް ބާތިލެއް ނުކުރެ އެވެ.
މުހުތާޒު އާއި ނިހާނުގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޓެރަރިޒަމްގެ މައްސަލައިގެ ހުކުމް ވަނީ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ. އަދި ކަފާލާތުގެ ދަށުން އެ ދެ ބޭފުޅުން ދޫކޮށްދިނުމަށް އެދުމުން، ހައިކޯޓުން ވަނީ އެ ދެ ބޭފުޅުން ދޫކޮށްދެވެން ނެތްކަމަށް ނިންމާފަ އެވެ.
ގާޒީ ނިހާން ހައްޔަރު ކުރުމާއެކު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ވަނީ މައްސަލައިގެ ޝަރީއަތް ނިމެންދެން ފަނޑިޔާރު ކަމުގެ މަގާމުން ސަސްޕެންޑް ކޮށްފަ އެވެ.
ޕްރޮސެކިއުޓަރ ޖެނެރަލް ކަމުގެ މަގާމުން މުހުތާޒު ވަކިކުރައްވާފައި ވަނީ ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި އޭރުގެ ނާއިބު ރައީސް ހައްޔަރު ކުރުމަށް ފަހު އެވެ. ޕީޖީގެ މަގާމަށް މުހުތާޒު އައްޔަން ކުރައްވާފައި ވަނީ އަދީބުގެ ނުފޫޒުން ކަމަށް އޭރު ވާހަކަ ދެކެވިފައި ވެއެވެ.