މަންދު ކޮލެޖްގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށްޓަކައި ބާއްވަމުން އަންނަ ތަފާތު ހަރަކާތްތަކުގެ ތެރެއިން އެ ކޮލެޖްގެ 50 ކެމްޕަހެއްގައި އެއްފަހަރާ ކޭކު ފަޅައިފިއެވެ.
މި ކޭކު ފެޅުމުގެ ހަރަކާތް މަންދު ކޮލެޖްގެ މާލޭގެ ކެމްޕަހުގައި ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގައި މަންދު ކޮލެޖްގެ އިސް ދަރިވަރުންނާއި މިހާރު ކޮލެޖްގައި ކިޔަވަމުންދާ ދަރިވަރުންގެ އިތުރުން މެނޭޖްމަންޓްގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މަންދު ކޮލެޖްގެ އިސް ދަރިވަރަކު ބުނީ ކޮލްޖްގައި ކުރިން ކިޔެވި އިރު ވަސީލަތްތައް އެހާ ތަނަވަސް ނުވި ނަމަވެސް މިހާރު އެ ހިދުމަތް އެންމެ ފުރިހަމައަށް ލިބޭ ކަމަށެވެ. އަދި ކިޔެވި ދުވަސްވަރު ކޮލެޖްގެ މެނޭޖްމަންޓުގެ ފަރާތުންނާއި ލެކްޗަރާއިންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބުނު ކަމަށާއި އެ ކޮލެޖަކީ ވަރަށް ރަނގަޅު ކޮލެޖެއް ކަމަށް އޭނާ ބުންޏެވެ.
މަންދު ކޮލެޖްގެ ޗެއާމަން އިބްރާހީމް އިސްމާއިލް (އިބްރާ) ވިދާޅުވީ ދިމާވި ތަފާތު ގޮންޖެހުންތަކާ އެކު ވެސް މެދުނުކެނޑި ކޮލެޖް ހިންގުނީތީ އުފާ ކުރައްވާ ކަމަށާއި ކޮލެޖްގެ އަމާޒަކީ އިލްމީ މަސައްކަތް ކުރާ ތަނެއްގެ ގޮތުގައި ފާހަގަވެގެންދިޔުން ކަމުގައެވެ. އަދި ރާއްޖޭގެ އިޖުތިމާއި އަދި ތައުލީމީ ބައިވެރިއެއްގެ ގޮތުގައި އެ ކޮލެޖް އޮތުމަކީ އަބަދުވެސް އެދިވަޑައިގަންނަވާ ގޮތް ކަމަށް އިބްރާ ވިދާޅުވިއެވެ.
މަންދު ކޮލެޖްއަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެޕްރޫވްކުރާ ކޯސްތައް ހިންގަމުން އަންނަ ފަރާތަކަށްވާއިރު ފާއިތުވި 20 އަހަރު އެ ކޮލެޖުން ދޫކުރި ސަނަދަކާއި ގުޅިގެން އެއްވެސް މައްސަލެއް މިހާތަނަށް ދިމާވެފައި ނުވާނެ ކަމަށް އެ ކޮލެޖުން ބުނެއެވެ.
ރަށްރަށުގައި ތިބެން މަންދު ކޮލެޖް މެދުވެރިކޮށް ކިޔަވާ ކުދިން ބުނީ މަންދު ކޮލެޖްގެ ސަބަބުން އަމިއްލަ ރަށުގައި ވަޒީފާގައި އުޅެމުން އިތުރަށް ތައުލީމް ހާސިލް ކުރުމުގެ މަގު ފަހިވެގެން ހިނގައްޖެ ކަމަށާއި މަންދު ކޮލެޖަކީ އެގޮތުން ބަލާ ނަމަ ރާއްޖޭގައި ހުރި އެންމެ ރަނގަޅު ކޮލެޖް ކަމަށެވެ.
މަންދު ކޮލެޖަކީ ކުދިން އޯލެވެލް ނިންމުމަށް ފަހު ނަތީޖާ ރަނގަޅު ނުވި ކަމުގައިވީ ނަމަވެސް އިތުރަށް ތައުލީމު ހާސިލްކުރަން ބޭނުންވާ ކުދިންނަށް ކާމިޔާބު ހޯދައިދީފައިވާ ފާހަގަކޮށްލެވޭ ކޮލެޖެކެވެ.
ސަރުކާރުގެ އިންސިޓުއުޓެއް ފިޔަވައި އެންމެ ފުރަތަމަ ޓީޗަރ ޓްރެއިނިންގް ޕްރޮގްރާމް ހިންގާފައި ވަނީ މަންދު ކޮލެޖުންނެވެ.
ރަށުގައި ހުރެގެން ކިޔެވޭނޭ ވަރޗުއަލް ކެމްޕަސްގެ ހިދުމަތް އެ ކޮލެޖުން ހުޅުވާލާފައިވާއިރު ކޮލެޖްގެ ވަރޗުއަލް ކެމްޕަސްއަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ދިރިއުޅޭ ދަރިވަރުންނަށް ފަސޭހަކަމާ އެކު މަތީ ތައުލީމް ހޯދުމަށް މަގުފަހި ކުރުމަށްޓަކައި އެކުލަވާލައިފައިވާ ނިޒާމެކެވެ.