ނަފްސާނީ ދުޅަހެޔޮ ކަމަށް މުޖުތަމައު ހޭލުންތެރި ކުރުމުގައި ރާއްޖެޓީވީން ކުރަމުންދާ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން މިޕްސްޓަރ އިން ހަނދާނީ ފިލައެއް އަރުވެފައިފިއެވެ.
ރާއްޖެޓީވީގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި މި ހަނދާނީ ފިލަޔާ ރާއްޖެޓީވީގެ ފަރާތުން ހަވާލުވެ ވަޑާއިގެންނެވީ ރާއްޖެޓީވީގެ ސީއޯއޯ ހުސައިން ފިޔާޒް މުސާއެވެ. މިޕްސްޓަރގެ ފަރާތުން އެވޯޑް އެރުވީ އެކުންފުނީގެ ފައުންޑަރ ޑރ. ޢާއިޝަތު ޢަލީ ނާޒްއެވެ.
އެވޯޑް ހަވާލު ކުރެއްވުމަށް ފަހު ވާހަކަ ދައްކަވަމުން ނާޒް ވިދާޅުވީ، މި ފާއިތުވެދިޔަ ދުވަސްތަކުގައި ނަފްސާނީ ބަލިތަކަށް އާންމުން ހޭލުން ތެރި ކުރުމަށާއި ނަފްސާނީ ދުޅަހެޔޮ ކަމަށް މުޖުތަމައު ހޭލުންތެރިކަން އިތުރު ކުރުމަށްޓަކައި ރާއްޖެޓީވީ އިން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން ރާއްޖެޓީވީން ގެނެސްދިން "ޑރ. ނާޒްގެ ނަޒަރުން" ޕްރޮގްރާމާއި "ހާސްދުނިޔެ" ފަދަ ޕްރޮގްރާމުތަކުގެ ސަބަބުން އާންމުން ވަރަށް ބޮޑަށް ހޭލުންތެރި ވެފައިވާކަން ފާހަގަކުރެވޭ ކަމަށެވެ.
"ޕްރޮގްރާމުތައް ބަލައިގެން ބަލިތައް ދެނެގަނެ، ބަލިވެފައި ތިބި މީހުންނަށް އެހީތެރިވެދޭނެ ގޮތްތައް ވެސް އެ ޕްރޮގްރާމު މެދުވެރިކޮށް އެނގުނު ކަމަށް ކިތަންމެ ބަޔަކު ވަކިވަކިން އަޅުގަނޑު ކައިރީ ބުނެފަ އެބަހުރި. އަޅުގަނޑު ދެކޭ ގޮތުގައި މެންޓަލް ހެލްތް އެވެޔަރނަސް ކްރިއޭޓް ކުރުމަށްޓަކައި ދިގު ދެމިގެންދިޔަ މިފަދަ ޕްރޮގްރާމުތަކެއް ހަމައެކަނި ހިންގިފައި ވަނީ ރާއްޖެޓީވީއަށް،" ނާޒް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފިޔާޒް ވިދާޅުވީ، ރާއްޖެޓީވީ އިން ގެނެސްދޭ ޕްރޮގްރާމުތަކަކީ މުޅި މުޖުތަމައު އަށް ފައިދާވާނެ ފަދަ ގޮތަކަށް ބައްޓަންކުރާ ޕްރޮގްރާމުތައް ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް ނާޒްއާ ގުޅިގެން ވެސް ނަފްސާނީ ބަލިތަކަށް މުޖުތަމައު ހޭލުންތެރި ކުރުމަށް މަސައްކަތްތައް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ގޮތުން ހޭލުންތެރި ކުރުމަށް މަސައްކަތް ފެށީ ޑރ. ނާޒްއާ އެކީގައި. ރައްޔިތުން އަޅުގަނޑުމެންގެ ޓީވީގެ ބެލުންތެރިން ޕްރޮގްރާމުތައް ބަލައިގަތް ކަން އަޅުގަނޑުމެން ވަރަށް އުފަލާއެކު ފާހަގަކުރަން،" ފިޔާޒް ވިދާޅުވިއެވެ.