ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ އެކްސްކަވޭޓަރަށް ޖެހެނު މައްސަލައަކާއި ގުޅިގެން ދޯނިތަކުން ކުނި ހުސް ނުކުރެވި ގިނަ އިރުތަކެއް ވެއްޖެ އެވެ.
ރިސޯޓްތަކުންނާއި މާލޭ ސަރަހައްދުން ތިލަފުއްޓަށް ކުނި ހިފައިގެން ދިޔަ ބައެއް ދޯނިތަކުގެ ކްރޫއިން ރާއްޖެ އެމްވީއަށް ކިޔައިދިން ގޮތުގައި ކުނި ހުސް ނުކުރެވިގެން ތިލަފުށީ ބަނދަރުގައި ދޯނިތައް އެތައް ގަޑިއިރެއް ވެއްޖެ ކަމަށެވެ.

ތިލަފުށީގައި ކުނި އުކާލާ ބަނދަރަށް ހެނދުނު 6 ޖެހިއިރު ގާތްކުރި ބައެއް ދޯނިތައް އަދިވެސް އެ ބަނދަރުގައި އެބަ ތިއްބެވެ. އެކު ގިނަ އިރުވާތީ އަތުން ކުނިތައް އުކާލުމަށް ފަހު ބައެއް ދޯނިތައް ވަނީ ގޮސްފަ އެވެ.
ވެމްކޯގެ ޑިރެކްޓަރ އަލީ މޫސާ ވިދާޅުވީ ދޯނިތަކުން ގެންނަ ކުނިތައް އުކާލަން ބޭނުން ކުރަމުން އަންނަ އެކްސްކަވޭޓަރގެ ހޮޅިއެއް ހަލާކުވެފައިވާ ކަމަށާއި، ހޮޅި ހެދުނުހާ އަވަހަކަށް އެކްސްކަވޭޓަރ އިން ކުނި އުކާލުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.
ވެމްކޯގެ ގިނަ ވެހިކަލްތަކެއް ހަލާކުވެފައިވާ ކަމަށް މައުލޫމާތު ލިބެމުން އަންނާތީ، އެކަމާއި ސުވާލު ދެންނެވުމުން އަލީ މޫސާ ވިދާޅުވީ ވެމްކޯއަކީ ކުނި އުކާލުމުގައި ގިނަ އުޅަނދުތަކެއް ބޭނުން ކުރަމުން އަންނަ ތަނެއް ކަމަށާއި، އެހެންކަމުން އަބަދު ވެސް ކޮންމެ ވެސް އުޅަނދެއް ހަލާކުވެގެން މަރާމާތުކުރަންޖެހިފައި އޮންނަ ކަމަށެވެ. ނަމަވެސް އުޅަނދެއް ހަލާކުވެގެން ވަކި ޚާއްސަ ހާލަތެއް ދިމާވެގެން ޚިދްމަތް ނުދެވި ހުއްޓާލަންޖެހޭ ހާލަތެއް ދިމާވެފައިނުވާ ކަމަށް އަލީ މޫސާ ވިދާޅުވެފައެވެ.
ތިލަފުށީގައި ކުނި ނައްތާލާނެ ނިޒާމެއް ގާއިމްކުރުމަށް މިދިޔަ އަހަރުގެ ބަޖެޓުގައި 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ވަނީ ހިމަނައިފަ ވެއެވެ.