ނޮވެމްބަރު ތިން ވަނަ ދުވަހު ރައީސް މުހައްމަދު ނަޝީދު އައްޑޫ ސިޓީއަށް ވަޑައި ގަންނަވާނެ ކަމަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އޭނާ އެހެން ވިދާޅުވީ ނަޝީދަށް ޓެގް ކުރައްވައި ހުކުރު ދުވަހު ކުރެއްވި ޓްވީޓެއްގައެވެ.
އިޖުރާއާތުތައް ފުރިހަމަ ނުވާކަމަށް ބުނާ ޓެރެރިޒަމްގެ ދައުވާ އެމަނިކުފާނުގެ މައްޗަަށް ސާބިތުވާކަމަށް ކަނޑައަޅައި 13 އަހަރުގެ ޖަލުހުކުމް އިއްވި ފަހުން 2016 ވަނަ އަހަރުގެ ޖެނުއަރީ މަހު ބޭސް ފަރުވާ އަށް އިނގިރޭސި ވިލާތަށް ވަޑައިގެންނެވި ފަހުން އެނބުރި ރާއްޖެ ވަޑައިގަންނަވާފެއް ނުވެއެވެ. އަދި ހުންނެވީ އެގައުގެ ސިޔާސީ ހިމާޔަތުގައެެވެ.
ރިޔާސީ އިންތިޚާބު އިދިކޮޅު ކޯލިޝަނަށް ކާމިޔާބު ވުމާއި އެކު، ވީ ހާލުކޮލޅެއްގައި ހުންނެވުމަށް، އަންނަ ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހު މާލެ ވަޑައިގަންނަވާނެ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ރާއްޖެޓީވީ ގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒް ވެސް ވިދާޅުވެފައި ވަނީ ނޮވެމްބަރު މަހު މާލެ ވަޑައިގަތުމަށް ފަހު ރާއްޖޭގެ ރަށަކަށް އެންމެ ފުރަތަމަ އެމަނިކުފާނު ވަޑައިގަންނަވާނީ އައްޑީސިޓީ އަށް ކަމަށެވެ. އެހެން ނަމަވެސް ތާރީޚެއް ވިދާޅެއް ނުވެއެވެ.
ރައީސް ނަޝީދު ވަޑައިގަންނަވާ ދުވަސް ކުލަގަދަ ކޮަށް ފާހަގަ ކުރުމަށް އެމްޑީޕީން އަންނަނީ ވަރަށް ބޮޑަށް ތައްޔާރު ވަމުންނެވެ. އައްޑޫ ސިޓީ އަކީ ރައީސް މުހައްމަދު ނަޝީދަށް ވަރަށް ބޮޑު ތާއީދެއް އޮންނަ އަތޮޅެކެވެ.