މިދިޔަ ރިޔާސީ އިންތިޚާބުގައި ބޭނުންކުރި ވޯޓް ކަރުދާސް ޗާޕްކުރުމަށް އެމް7 އާއި ހަވާލުކުރީ އިތުރު ގޮތެއް ނެތިގެން ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
އިންތިޚާބުގައި ވޯޓުގެ ބޮޑުތަފާތަކުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބަލިވުމާއި ގުޅިގެން ވޯޓު އޮޅުވާލާފައިވާ ކަމަށް ތުހުމަތުކޮށް ސުޕްރިމްކޯޓަށް އެމަނިކުފާނުގެ ފަރާތްފުޅުން ހުށަހެޅުއްވި މައްސަލާގައި ވޯޓު ކަރުދާސް ޗާޕް ކުރުމުގެ މަސައްކަތް، ބިޑް ކުރުމެއް ނެތި އެމް7 އާ ހަވާލުކުރީ ގަވާއިދާ ޚިލާފަށް ކަމަށް ބުނެފައެވެ. އަދި ޕީޕީއެމުން އަންނަނީ އެމް7 އަށް ވޯޓް ކަރުދާސް ޗާޕްކުރިގޮތާއި ވޯޓް ކަރުދާހާއި ގުޅޭގޮތުން އެތަކެއް ތުހުތަމަތުތަކެއް ކުރަމުންނެވެ.
ރިޔާސީ އިންތިޚާބުގެ މައްސަލަތަކާއި ބެހޭ ގޮތުން ދައުލަތުގެ މީޑިއާގައި މިނިސްޓަރު މުނައްވަރު ވިދާޅުވީ އެމް7 އަށް އަގުބޮޑުކޮށް ވޯޓް ކަރުދާސް ޗާޕްކުރުމަށް ހުއްދަދިނީ އިންތިޚާބު ލަސްކުރެވެން ނެތުމުން ކަމަށާއި، ވަގުތުކުޑަތަން ވެފައިވާތީ އެކަމަށް މަޖުބޫރުވެގެން ކަމަށެވެ.
މިނިސްޓަރު މުނައްވަރު ވިދާޅުވީ ނޮވެލްޓީއާއި އެމް7 އިން ވޯޓް ކުދާސް ޗާޕްކުރުމަށް ބިޑް ހުށަހެޅީ އެންމެ ސެކިއުރިޓީ ފީޗާސްއެއް ހިމަނައިގެން ކަމަށާއި ނަމަވެސް އިންތިހާބަށް ދެ ހަފްތާއަށް ވެފައި ވަނިކޮށް ފަސް ސެކިއުރިޓީ ފީޗާސް ހިމަނައިގެން ވޯޓް ކަރުދާސް ޗާޕްކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ކަމަށެވެ. އަދި އެކަން ކުރެވޭނީ ހަމައެކަނި އެމް7 އިންކަމަށް އިލެކްޝަންސް ކޮމިޝަނުން އެންގި ކަމަށާއި، އެމް7އާއި ހަވާލުކުރުމަށް އެދުނު ކަމަށެވެ.
ވޯޓު ކަރުދާސް ޕްރިންޓު ކުރުމަށް އެމް7އަށް ހުއްދަ ދީފައިވަނީ މިނިސްޓަރު މުނައްވަރުގެ ޚާއްސަ ހުއްދައެއްގެ ދަށުން ކަމަށްވާތީ އެކަމަށް އިޝާރާތް އޭނަ ވިދާޅުވީ ފިނޭންސް މިނިސްޓަރުގެ ހައިސިއްޔަތުން އެހުއްދަ ދޭންޖެހުނީ އިންތިޚާބަކީ ރައްޔިތުންނާ ގުޅުން ބޮޑު، ގައުމުގެ މަސްލަހަތާއި ގުޅުން ހުރި ކަމަކަށް ވާތީ ކަމަށެވެ. ނަމަވެސް އިލެކްޝަން ކޮމިޝަންގެ ރާވައިގެން ކުރާ ކަމެއްކަން ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މިނިސްޓްރު މުނައްވަރު ވިދާޅުވީ ވޯޓް ކަރުދާސް ޗާޕްކުރުމަށް އެމް7އަށް ދިނުމުގައި ކޮރަޕްޝަންއަށް ތުހުމަތުކުރެވޭ އެތަކެއް ކަމެއް އެބަހުރި ކަމަށާއި، މިކަންކަން ބަލަން ޖެހޭ ކަމަށެވެ. މިހާރު ފެންނަ މަންޒަރުތަކުން މިއީ ވަކި ފަރާތަކަށް ދިނުމަށް މަގުފަހިކުރުމަށްޓަކާ ކޮށްފައި އޮތް ކަމެއްގެ ގޮތުގައި މިހާރު އެނގިގެންދާ ކަމަށް މިނިސްޓަރު މުނައްވަރު ވިދާޅުވި އެވެ.